ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑުން 32 އެނދު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ވައުޗަރު ހަވާލުކޮށްދެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ވައުޗަރާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އިސްލާމިކް މިނިސްޓްރީން ހަދިޔާ ކޮށްފައިވާ 32 އެނދަކީ ޒަމާނީ މެޑިކަލް އެނދުތަކެކެވެ. މިތަކެތީގެ ޖުމްލަ އަގު 504،000 ރުފިޔާ އަރާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އިހުސާންތެރިވުމަށް އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަށާއި މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ މުޖުތަމައުގެ އެންމެ މުހިންމު އިޖުތިމާއީ އަހުލާގު ކަމަށެވެ. "ކޮންމެހެން ރާއްޖޭގެ ރައްޔިތުންގެ ފައިސާ ހެޔޮ ކަންކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ސަބަބެއް ނެތޭ. ޚާއްސަ އިސްތިސްނާ ހާލަތްތަކުގައި އުޅޭ، ކާރިސާތައް މެދުވެރިވެގެން އުޅޭ މީހުންނަށް އެއްޗެއް ދިނުން ފިޔަވައި، މި ދެންނެވީ ފަލަސްތީނުފަދަ ނިކަމެތި ޙާލަތެއް ދިމާވެފައިވާ މީހުންނަށް އެހީވުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެއް" ޝަހީމް ވިދާޅުވިއެވެ.