ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަންކަން ރައީސް ޑރ. މުޢިއްޒު ހޯއްދަވައިފި ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ އައު މޭޔަރާއި، ކައުންސިލުގެ ހުސްވެފައިވާ 3 ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކައުންސިލްތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ޢާމްދަނީ ހޯދުމަށް، ކައުންސިލްތަކަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ، މާލީ ގޮތުން ބާރުވެރިކުރުވުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ބޭއްވެވި އެންމެ ފުރަތަމަ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާހިސާބަށްއައިރު، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ފަޅު ރަށްރަށް ބޭނުންކުރެވޭނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމްކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އައިރު އެއްވެސް ރައީސެއްގެ ވެރިކަމެއްގައި ކޮށްދެއްވާފައިނުވާކަމެއްކަން ފާހަގަކުރަމުން، ވަޒީރު ވިދާޅުވީ މި ނިޒާމު ފަހިވުމާއިއެކި، އަދުގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެންޕިއަކަން ހޯއްދަވާފައި ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިއަދު މިހާހިސާބަށް އައިރު، އުފަލާއިއެކު ފާހަގަކުރަން ބޭނުން ވަނީ މިއަދު، ރާއްޖޭގެ ކޮންމެ ކައުންސިލަކަށްވެސް، އެ ކައުންސިލަކުން ބޭނުންވާނަމަ ފަޅުރަށެއް ލިބޭނެގޮތް، އެވަނީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައި ކަމަށެވެ.