ރައްޔިތުން އެމީހުންގެ ވެރިކަން ޙަވާލުކުރުމުން ވެރިންގެ ވާޖިބަކަށްވާން ޖެހޭނީ މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާ ވަފާތެރިކަމާއެކު، އެ ޒިންމާތަކާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭޜުމުން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ މީލާދީ އައު އަހަރުގެ ފެށުން ފާހަގަކުރައްވައި ރައްޔިތުންނަށް ފޮނުއްވި ޚިޠާބްގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
އަޅުގަނޑު ދެކޭގޮތުގައި ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށެވެ. ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައެވެ. އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ، މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމެވެ.
ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުންނެވެ. ހަމަ އެފަދައިން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަޙުމުހުރި ބަޔަކަށްވުމެވެ ވަޢުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ.
ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެކެވެ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކެވެ.
ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުމެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުމެވެ. އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯއެވެ! އަޅުގަނޑުމެން ދިވެހީންނަކީ އެއް ޤައުމެކެވެ. އެއް ބައެކެވެ.
ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި މާތް ﷲ އަޅުގަނޑުމެން ލައްވާށިއެވެ. ދޮގު ބަސްތައް އުފެއްދުމާއި، ދޮގު މަޢުލޫމާތުތައް ފެތުރުން ފަދަ ނޭދެވޭ އައިބު އަމަލުތަކުން އަޅުގަނޑުމެންގެ ދޫތަކާއި އަތްތައް ސަލާމަތް ކުރައްވާށިއެވެ! ސާފު ހިތަކައިގެން ދިރިއުޅުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން!