ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް، ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.
ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ފެއްޓެވި މި ހިދުމަތް ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލު ވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މިޕްރޮގްރާމަކީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމުގެ މަގުސަދު ގައި ސަރުކާރުން ފެށްޓެވި ހިދުމަތެއްކަމަށެވެ. އަދި ހަމައެހެންމެ ދިވެހިރައްޔިތުންގެ ޞިއްޙަތު ރަނގަޅު ކޮށް އިތުރަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމަކީވެސް މި ހިދުމަތުގެ ބޭނުމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ.
އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދެވިފައިވަނީ، ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށް އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.
މިގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކު ކަމަށް ޒީނިޔާ ވިދާޅުވިއެވެ.