ރާއްޖޭގައި އެކިހިސާބަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައެއް ގެތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މިހާރު މުޅި ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރާގައި ފެންބޮޑުވެ ގެ ތަކަށްވެސް ގެއްލުން ލިބިފައިވާއިރު ރޭ ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން މުޅި މާލޭގައިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި މާލޭގެ ބައެއް ގެތަކަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

ރައީސް މުއިއްޒާއެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ނޭޝަނަލް ޑިޒާސްޓާ މެނޭޓްމެންޓްގެ ޗީފް އެކްޒެކިއުޓިވް ހިސާން ހަސަން އަދި ދައުލަތުގެ ބައެއް ވަޒީރުންވެސް ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ.
ވަޒީރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އަދި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންވެސް ހިމެނިވަޑައިަންނަވައެވެ.

މި ޒިޔާރަތް ކުރެއްވުމުގައި ޑރ މުއިއްޒު ވަނީ އެ ގޭގެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެހީތެރިވެވަޑައިގަންނަނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ފުލުހުން ވަނީ ގަދަ ވަޔާއެކު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައި ވާތީ، މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލު ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް މެނުވީ މިވަގުތު ނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.