އަނބިމީހާގެ ނުރުހުމުގަ ދެވަނަކައިވެނިކުރުމުން އެކުގަ އުޅެން އަނބިމީހާ ބޭނުން ނުވާނަމަ ގަދަކަމުން ހިފެހެއްޓުން ހުއްދައެއް ނޫން! އެއީ ދެވޭ އަނިޔާއެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަނބިމީހާގެ ނުރުހުމުގަ ދެވަނަކައިވެނިކުރުމުން އެކުގަ އުޅެން އަނބިމީހާ ބޭނުން ނުވާނަމަ ގަދަކަމުން ހިފެހެއްޓުން ހުއްދައެއް ނޫން! އެއީ ދެވޭ އަނިޔާއެއް!

ފިރިހެނުންނަށް ގިނަ އަނބިން ހުއްދައެވެ. ނަމަވެސް ގިނަ އަނބިން ހޯދަންވާނީ މަކަރުވެރި ގޮތުގައެއް ނޫނެވެ. އަނބިމިހާއަށް އެކަން އަންގައިގެންނެވެ. ސަބަބަކީ ކުއްލިއަކަށް އެފަދަ ކަމެއްގެ ޚަބަރު ލިބުމުން ލިބޭ މާޔޫސްކަމުގައި އަނބިންނަށް ބޮޑެތި ގެއްލުންތައް ލިބޭތީއެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބޭނެ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. 

އަނބިމީހާ ނުރުހުނަސް ދެވަނަ ކައިވެނިކުރެވޭނެއެވެ. ނަމަވެސް އަނބިމީހާ އާއި ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭ މީހަކު ދެވަނަ އަންތބަކު ހޯދުމެއް ނެތެވެ. ސަބަބަކީ ކައިވެނިކުރަން އޮތީވެސް އަދި ގިނަ އަނބިން ހޯދަން އޮތީވެސް އެމީހަކުގެ ޝަރުޠުތައް ފުރިހަމަވާނަމައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ޝަރުޠަކީ އަޅައިލުމާއި ޚަރަދުކުރުމެވެ. ބެލެހެއްޓުމެވެ. 

ހަމައެއާއިއެކު ވިސްނަން ޖެހޭނެ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ދެވަނަ ކައިވެނިކުރުމަކީ އެއްވެސް އަންހެނަކު ރުހޭނެ ކަމެއް ނޫނެވެ. އެއީ ހިތުގެ އަޑިން އެއްވެސް އަންހެނަކަށް ޤަބޫލުކުރެވޭނެ ކަމެއްނަމަ މިއުންމަތުގެ މައިކަނބަލުން، ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންގެ މެދުގައި މައްސަލައެއް ނުޖެހުނީހެވެ. މައްސލަތައް ޖެހުނުކަން ޙަދީޘްފުޅުން ޘާބިތެވެ. 

ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ އަނބިމީހާ ނުރުހޭނަމަ އެންމެ ރަނގަޅު ގޮތަކީ ދެވަނަ ކައިވެނިނުކުރުމެވެ. އަނބިމީހާގެ ނުރުހުމުގައި ދެވަނަ ކައިވެނިކުރާނަމަ، އަނބިމީހާ ބޭނުންވަނީ ވަކިވާންނަމަ އޮތީ އަނބިމީހާ ދޫކޮށްލުމެވެ. އެކަނބުލޭގެ ގެ ނުރުހުމުގައި ގަދަކަމުން އެންމެ ހިނދުކޮޅަކުވެސް ގެންގުޅުމެއް ނެތެވެ. އެކަން ވާނީ ކުރެވޭ އަނިޔާއަކަށެވެ. 

މިވާހަކަތައް ވަރަށް ގިނައިން ކިޔައިދެވެއެވެ. ނަމަވެސް އަޑުއިވެނީ ވަރަށް މަދުބައަކަށެވެ. މިބުނަނީ ޢަމަލުކުރަނީ މަދު ބައަކު ކަމެވެ. ވީމާ ހޭލުންތެރިކުރުވުމުގެ ގޮތުން ތަކުރާރުކުރަން މިޖެހެނީ ކޮންމެ ދުވަހަކުވެސް މިފަދަ ކަންކަމުގެ ޝަކުވާތައް ލިބޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން