ހަފްތާ-14 މަގުޓާޗާ އެއްގޮތަށް އިސް ރަށްވެހިންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 37ސ
ހަފްތާ-14 މަގުޓާޗާ އެއްގޮތަށް އިސް ރަށްވެހިންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓާ އެއްގޮތަށް އިސްރަށްވެހިންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިކަމަށް 

މިނިސްޓްރީ އޮފް ސޯޝަލް ފެމިލީ ޑިވެލޮޕްމެންޓް(އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ) (އެމްއެސްއެފްޑީ) އިން ހާމަކޮށްފިއެވެ.

ރަައީސް ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ މި ފަސްއަހަރުގެ ދައުރުގެ އެންމެ ފުރަތަމަ ސަތޭކަ ދުވަސް، އާދެ! ހަފުތާ 14 އިގެ ނަމުގައި އެމަނިކުފާނު އިސްކަން ދެއްވައި އެންމެ ފުރަތަމަ ކުރިއަށް ގެންދަވަން ނިންމި ކަންކަމުގެ ތެރޭ، އިސްރަށްވެހިންނަކީ އެއްވެސް ކަމަކުން ދަތިވުމެއްނެތި ގަދަރާއި އިއްޒަތާއެކު ތަކުލީފެއް ނެތް ފަސޭހަ ދިރިއުޅުމެއްގައި މުޖުތަމައުގައި އުޅެވޭނެ ބަޔަކަށް ހެދުމުގެ ގޮތުން ކަންތައްތަކެއް ހިމަނުއްވާފައެވެ.

އެގޮތުން އެމަނިކުފާނު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި މުޖުތަމައުގައި އިސް ރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި، އިޖުތިމާއީ ކަންކަމުގައި އިސް ރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އިސް ރަށްވެހިންގެ ސިއްހީ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމަށް ނިންމަވާފައިވެއެވެ.

މި އަމާޒަށް ވާސިލްވުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވާނީ މާލޭސީޓީގައި އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފައެވެ. މި މަރުކަޒު ޤާއިމްކުރުމަށް ނިންމާފައިވަނީ ގުރުއާނާއި ބެހޭ މަރުކަޒު ކުރިން ހިންގަމުން އައި އިމާރާތުގައެވެ.

އެގޮތުން އެތަނުގައި އިޖުތިމާއީ މަރުކަޒެއް ހެދުމަށް އިމާރާތުގެ އާބާތުރަފިލުވައި އިސް ރަށްވެހިންނަށް ހިދުމަތްދެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް ތަނުގެ އިންޓީރިއާ ފަރުމާކުރުމާއި، ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް 2023 ޑިސެމްބަރު 25 ގައި ޕެންޝަން އޮފީހާއެކު އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ އިމާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަގަނީ ގައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި 2023 ޑިސެންބަރު 26 ވަނަ ދުވަހު ސިވެކްއާއިއެކު ސޮއިކޮށްފައިވާ ކަމަށްވެސް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މާލޭގައި ގާއިމްކުރާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފެށުމަށް ނިންމަވާފައިވާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަށް ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމްކުރާ ފުރަތަމަ މަރުކަޒެވެ.

މާލޭގެ އިތުރުން ހުޅުމާލެއާއި އަތޮޅުތެރޭގައި ވެސް މިފަދަ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި މިނިސްޓްރީން ދަނީ ކަމާ ގުޅުންހުރި އިދާރާތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުންޏެވެ. މިގޮތުން އެވުޒާރާއިން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

ހުޅުމާލޭގައި އިސްރަށްވެހިންގެ މަރުކަޒެއް އެއް ގާއިމްކުރުމާއި ގުޅޭގޮތުން އާބަންކޯ އާއެކު 2023 ޑިސެންބަރު 26 ވަނަ ދުވަހު ވަނީ ބައްދަލުކޮށްފައި

ރަށްރަށުގައި މިފަދަ މަރުކަޒުތަށް ގާއިމްކުރުމަށް ހިތްވަރުދީ ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ހުރިހާ އަތޮޅުތަކެއްގެ ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކާއެކު އޮންލައިން ބައްދަލުވުންތަށް ބާއްވާ މި މަޝްރޫއާގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައި

ފ. ނިލަންދޫގައި މިފަދަ މަރުކަޒެއް ގާއިމްކުރުމަށް ނިލަންދޫ ކައުންސިލާއި މަޝްވަރާކުރެވި، ތަނެއް ފާސްކުރެވި، ސައިޓް އިންސްޕެކްޝަން ވަނީ ހަދާ ނިންމިފަ.

ނ އަތޮޅާއި އއ އަތޮޅުގައި ވެސް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން .

މި މަރުކަޒުތަކުގެ އަމަލީ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން މިތަންތަން ވެގެންދާނީ އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށްޓަކައި އިސްރަށްވެހިންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ޚާއްސަ ޕްރޮގްރާމުތަކެއް ވެސް ހިންގާ، އެފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭ މަރުކަޒުތަކެއް ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން