ހަމައެހެންމެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މާލެއާ މުޅި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ދަޢުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ތަކުރާރު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕްރޮގްރާމަކީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ61 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ މިވޭތުވެ ދިޔަ 61 އަހަރުގެ ތެރޭގައި ޤައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތަނެއްކަމަށާއި އަދި ދިވެހިރާއްޖޭގެ އަޑު މިހާރަށްވުރެ ބޮޑަށް ތަރައްޤީކޮށް ޒަމާނީކުރުމަށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވާނެކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ހިންގަމުންދާ ބައެއް ކަންކަމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.
އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.