ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތައް ފަށްޓަވާނީ ކޮޅުމަޑުލު ގުރައިދޫން! އުންމީދަކީ ރޯދައިގެ ކުރިން ސަތޭކަވަރަކަށް ރަށަށް ވަޑައިގަތުން-: ރައީސް ޑރ. މުޢިއްޒު

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތައް ފަށްޓަވާނީ ކޮޅުމަޑުލު ގުރައިދޫން! އުންމީދަކީ ރޯދައިގެ ކުރިން ސަތޭކަވަރަކަށް ރަށަށް ވަޑައިގަތުން-: ރައީސް ޑރ. މުޢިއްޒު

ފުރަތަމަ ވަޑައިގަންނަވާނީ ވަޢުދުވެވަޑައިގެންފައިވާގޮތަށް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ތ. އަތޮޅު ގުރައިދޫއަށް ކަމަށާއި އެ ރަށަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެގޮތުން އުންމީދުކުރައްވަނީ އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުމަށް ކަމަށާއި އަދި ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮންމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޑރ. މުޢިއްޒު މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއްކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށާ އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ. 

ޢާންމުންގެ ފަރާތުން ގުޅުއްވި ބައެއް ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސްކޫލުދައުރުގެ ޓީޗަރެއްކަމުގައިވާ އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން މި ޕްރޮގްރާމުގައި ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާއާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަމަކީ އުފަލެއްކަމުގައި ދެކެވަޑައިނުގަނެ މަސައްކަތްކުރެއްވުމަށާއި ރައްޔިތުންނާއި ގުޅޭ ކަންކަން ނިންމެވުމުގައި އެތައް ހާސްފަހަރު ވިސްނެވުމަށް ފަހު ނޫނީ ނުނިންމެވުމަށް ނަސޭޙަތެއްގެ ގޮތުގައި އެދިވަޑައިގެންނެވިއެވެ. މި އެދިވަޑައިގެންނެވުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅު ހުރިގޮތްކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މުދައްރިސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަކީ ސްކޫލުދައުރުގައި ވެސް އެހެންކުދިންނާ ޚިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަޚްލާޤު ރަނގަޅު ހިތްހެޔޮ ދަރިވަރެއްކަން ފާހަގަކުރެއްވިއެވެ. 

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މިއަދު އޮންލައިން