މާލެއާ ވިލިނގިލި އަދި ގުޅީފަޅާއި ތިލަފުށި ހިމެނޭހެން ކުރިގެ ސަރުކާރުން އިންޑިއާ އާއި ޙަވާލުކޮށްގެން ހަދަމުންދާ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ 2 އަހަރުކުރިން ނިންމުމަށް ބާރުއަޅައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަން ރައިސް ޑރ. މުޢިއްޒު ވިދާޅުވީ އެ ބްރިޖުގެ މަސައްކަތް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅުއްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ނިމޭނެކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށާއި ނަމަވެސް މި މުއްދަތަކީ ވަރަށް ދިގު މުއްދަތެއް ކަމަށެވެ. އެހެންކަމުން ބްރިޖުގެ މަސައްކަތް 2024 ގައި ނުވަތަ 2025 ގައި ނިންމުމަށް އިންޑިއާ އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެގޮތުން 2025 ވަނަ އަހަރު ވިލިމާލެއާއި ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާދިނުމަށް ދުބާއީގައި އޮތް ކޮޕް 20 ސަމިޓްގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅާފައިވާނެކަމަށެވެ.
ބްރިޖުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމުގެ އުންމީދުތަކެއް ކުރީގެ ސަރުކާރުން ދިން ނަމަވެސް ޙަޤީޤަތް ހާމަވިއިއރު މިވަނީ މަސައްކަތް އަދިވެސް އިތުރު 4 އަހަރަށް ދެމިގެންދާނެ ގޮތަށެވެ. ބްރިޖުގެ މަސައްކަތްކުރާ ކުންފުންޏަކީ އެފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ހުރި ކުންފުންޏެއް ނޫންކަން ގިނަ ބައަކު އައީ ކުރިންވެސް ފާހަގަކުރަމުންނެވެ.