لَاإِلٰهَ إِلَّا اللهُ ގެ ޝަރުޠުތައް

ކިޔުމަށް ހޭދަވާނީ 5މ
لَاإِلٰهَ إِلَّا اللهُ ގެ ޝަރުޠުތައް

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ (ދިސަލަފިއްޔާ)

https://dhisalafiyyah.net 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގެ އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި ރުކުނަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމެވެ. لَا إِلٰهَ إِلَّا اللهُ ކިޔާއިރު، މި ކަލިމައިގެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ޙާޞިލުވާނީ މި ކަލިމައިގެ މާނަ އުނގެނި، މި ކަލިމަ ލާޒިމުކުރާ ގޮތަށް ޢަމަލުކުރުމުންނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ كَانَ آخِرُ كَلَامِهِ لَا إِلٰهَ إِلَّا اللهُ دَخَلَ الْجَنَّةَ)) [رواه أبو داود في سننه (3116) والحاكم في مستدركه (1299) وحسنه الألباني في الإرواء (687)]

މާނައީ: “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلٰهَ إِلَّا اللهُ ކަމުގައި ހަދައިފިމީހާ ދަންނައެވެ. އެމީހަކު ސުވަރުގެ ވަންނާނެއެވެ.” 

މިކަމާ ބެހޭގޮތުން ސަލަފުންގެ ބޭކަލެއްގެ ކިބައިން އައިސްފައިވާ އަންނަނިވި މިސާލާމެދު ވިސްނަވާށެވެ.

ވަހްބު ބުން މުނައްބިހު رحمه الله ގެ އަރިހުގައި ދެންނެވުނެވެ. لَا إِلٰهَ إِلَّا اللهُ އަކީ ސުވަރުގޭގެ ތަޅުދަނޑި ނޫން ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. އާދޭހެވެ. އެހެނަސް ކޮންމެ ތަޅުގަނޑިއަކަށްވެސް ދޫތަކެއް ވެއެވެ. ދޫތަކެއްވާ ތަޅުދަނޑިއެއް ހިފައިގެން އަތުވެއްޖެނަމަ ތިބާއަށް ހުޅުވާދެވޭނެއެވެ. ނޫންނަމަ ހުޅުވައި ނުދެވޭނެއެވެ. [1] 

لَا إِلٰهَ إِلَّا اللهُ ގެ މާނައަކީ:

لَاإِلٰهَ – ނަފީކުރުން: ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް އިލާހަކު ވާކަން ނަފީކުރުމެވެ.

إِلَّا اللهُ – ޘާބިތުކުރުން: ޙައްޤުގޮތުގައި އަޅުކަންވެވެނީ ހަމައެކަނި ﷲއަށް ކަމާއި އެއިލާހަށް ޝަރީކަކު ނުވާކަން ޘާބިތުކުރުމެވެ.

لَاإِلٰهَ إِلَّا اللهُ ގެ މާނައަކީ: ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. 

މި ކަލިމައަކީ ހަމައެކަނި އަޅުގަނޑުމެންގެ ދުލުކޮޅުން ކިޔާ ކަލިމައަކަށް ހަދައިގެން ނުވާނެއެވެ. މި ކަލިމަ ކިޔާ ކޮންމެ މީހަކުވެސް ކުރުން ލާޒިމު ކަންތައްތަކެއް ވެއެވެ. އަދި މި ކަލިމަ ކިޔާމީހާގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރަންވެސް ޖެހެއެވެ.

އެގޮތުން لَاإِلٰهَ إِلَّا اللهُ ގެ 7 ޝަރުޠެއް ވެއެވެ. އައްޝައިޚު އަލްޙާފިޡް އަލްޙަމަކީ رحمه الله އެކަލޭގެފާނުގެ ޅެމެއްކަމުގައިވާ سلم الوصول ގައި ވިދާޅުވިއެވެ.

الْعِلْمُ وَالْيَقِينُ وَالْقَبُولُ *****  وَالِانْقِيَادُ فَادْرِ مَا أَقُولُ

وَالصِّدْقُ وَالْإِخْلَاصُ وَالْمَحَبَّهْ ***** وَفَّقَكَ اللَّهُ لِمَا أَحَبَّهْ

މާނައީ: (1) ޢިލްމާއި (2) ޔަޤީނާއި (3) ޤަބޫލުކުރުމާއި (4) ބޯލެނބުމެވެ. ފަހެ މި ބުނާ އެއްޗެއް ރަނގަޅަށް ދެނެގަންނާށެވެ.

(5) ތެދުވެރިކަމާއި (6) އިޚްލާޞްތެރިކަމާއި (7) ލޯބިކުރުމެވެ. ﷲ ލޯބިވެވޮޑިގެންވާ މަގަށް އެއިލާހު ތިބާއަށް ތައުފީޤު ދެއްވާނދޭވެ! 

އެއީ:

ޖާހިލުކަން ނަފީކުރާފަދަ ޢިލްމު

ޝައްކު ނަފީކުރާފަދަ ޔަޤީންކަން

ރައްދުކުރުން ނަފީކުރާފަދަ ޤަބޫލުކުރުން

ނުކިޔަމަންތެރިކަން ނަފީކުރާފަދަ ބޯލެނބުން

ދޮގުވެރިކަން ނަފީކުރާފަދަ ތެދުވެރިކަން

ޝިރުކު ނަފީކުރާފަދަ އިޚްލާސްތެރިކަން

ރުޅިވެރިކަން ނަފީކުރާފަދަ ލޯބިކުރުން

އޭ ﷲ! އަޅަމެންނީ ޙައްޤުގޮތުގައި އިބައިލާހު އެއްކައުވަންތަކުރާ ބަޔަކުކަމުގައި ލައްވައި ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅަމެންނަށް ދެއްވާނދޭވެ!

 

[1] رواه البخاري معلقا في باب: ما جاء في الجنائز.

މިއަދު އޮންލައިން