މާޔޫސްކަމުގަ ތިބި މީހުންނަށް!: ﷲ ތަޢާލާ ތިމާއާއިމެދު ރުހިވޮޑިނުގަންނަވާކަމަށް، ތިމާ ދޫކޮށްލައްވަވައިފިކަމަށް ޤަބޫލުކޮށްގެން ނުވާނެ ސަބަބު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މާޔޫސްކަމުގަ ތިބި މީހުންނަށް!: ﷲ ތަޢާލާ ތިމާއާއިމެދު ރުހިވޮޑިނުގަންނަވާކަމަށް، ތިމާ ދޫކޮށްލައްވަވައިފިކަމަށް ޤަބޫލުކޮށްގެން ނުވާނެ ސަބަބު- ޤުރްއާނުން

އަހުރެމެން ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށްފަހު އެކަމެއް ހިންމަވައި ދެއްވެވުން ކިރިޔާވެސް ލަސްވެލައިފިނަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވެވޭ ބައަކު އުޅެއެވެ. އެމީހުންނަށް ހީވަނީ ﷲ ތަޢާލާ ތިމާ އާއިމެދު ރުހިވޮޑިނުގަންނަވަނީ ކަމަށެވެ. ތިމަންނާ ދޫކޮށްލެއްވެވީ ކަމަށެވެ.  

މިއާޔަތަށް ވިސްނައިލާށެވެ!  

"ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ." (އައްޟުޙާ: 3)  

މިއާޔަތުގައި މިބަސްފުޅު ނިޞްބަތްކުރައްވަވާފައި އެވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. ނަމަވެސް އަހުރެމެން ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންވީ ﷲ ތަޢާލާ ތިމާ ދޫކޮށް ނުލައްވަވާނެކަމެވެ. އެކަމުގެ ވަޤުތު ޖެހުމުން އެކަމެއް މިންވަރުކޮށްދެއްވަވާނެ ކަމެވެ. ހިންމަވައި ދެއްވަވާނެ ކަމެވެ.  

މިއާޔަތުގެ ކުރިއަށް 2 އާޔަތަށް ބަލާށެވެ!  

"ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ."

"ދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ."

(އައްޟުޙާ: 1،2)  

މިދެއާޔަތުން 3 ވަނަ ޢާޔަތަށް ލިބިގެންދާ ބާރާއިމެދު ވިސްނައިލާށެވެ! މި 2 ޢާޔަތުގައި "ގަންދެއްވަމެވެ." އޮތް ބަސްފުޅު ވަޙީ ނުކުރެއްވެވި ނަމަވެސް އަދި އެބަސްފުޅު ވަޙީ ނުކުރެއްވެވި ނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. ފުރިހަމައަށް ޔަޤީންކުރާނެއެވެ. އެހެންކަމާއިއެކުވެސް 3 ވަނަ ޢާޔަތަށް އެހައި ބޮޑަށް ބާރު ދެއްވަވާފައިއެވަނީ ސަބަބެއް ނެތިއެއް ނޫނެވެ.  

އަހުރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. ކިޔަމަންތެރިކަން އަދާކުރާ އަޅަކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. އެކަން މި މިންވަރުންވެސް ޔަޤީންކުރެވޭނެއެވެ. ވީމާ އެދޭ ކަމެއް ލަސްވެލުމަކުން އެއީ ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވީކަމަށް ވިސްނަންވެސް ހެޔޮނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން