ސޭފް އައިލަންޑްސް ބިނާކުރިޔަސް ޙަޤީޤީ ސަލާމަތްކަން ލިބެން އޮތީ ވަކިވަކިވަކިވެ ނުގަނެ އެންމެން ﷲ ގެ ދީނުގައި ހިފަހައްޓައިގެން: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 33ސ
ސޭފް އައިލަންޑްސް ބިނާކުރިޔަސް ޙަޤީޤީ ސަލާމަތްކަން ލިބެން އޮތީ ވަކިވަކިވަކިވެ ނުގަނެ އެންމެން ﷲ ގެ ދީނުގައި ހިފަހައްޓައިގެން: ރައީސް ޑރ. މުޢިއްޒު

ސުނާމީ ކާރިސާއަށް ފަހު، އަލުން ބައެއް ރަށްތައް ބިނާކުރުމުގައި ސޭފް އައިލެންޑް ކޮންސެޕްޓް ބޭނުންކުރަން ފެށުނުކަމަށާއި އިހަށް ދުވަހު މި ސަރުކާރުން އަޅުގަނޑުމެން ފެށި ރަސްމާލެ މަޝްރޫޢަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ މަޝްރޫޢެއް ކަމަށާއި އެހެންކަމާއިއެކުވެސް ޙަޤީޤީ ސަލާމަތްކަން ލިބެން އޮތީ ވަކިވަކިވަކިވެ ނުގަނެ އެންމެން ﷲ ގެ ދޡީނުގައި ހިފަހައްޓައިގެންކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ކިތަންމެ ފެންވަރު މަތިކޮށް ނަމަވެސް، މި ގޮތަށް ސިޓީތައް ބިނާކުރުމުގެ އަސާސީ ބޭނުމަކީ، ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަތައް ސަލާމަތް ކޮށްދިނުން ކަމަށެވެ.  ރަށުގެ ފަސްގަނޑު ވަކި ވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި ބަނދަރުތަކާއި ތޮށިގަނޑުތައް ލެވެނީ އެހެންވެގެންކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ނަމަވެސް އަޅުގަނޑުމެންގެ ޙަޤީޤީ ސަލާމަތްތެރިކަން އޮތީ އަދި މުޅިން އެހެން ކަމެއްގައި އެހެން ގޮތެއްގައިކަމަށެވެ. 

އެ ގޮތަކީ ކޮބައިތޯ؟ 

އެއީ މި ޖަލްސާގެ ފެށުމުގައި  ކިޔެވި ދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އާލުޢިމްރާނު ސޫރަތުގެ 103ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވައިފައިވާ ޙަޤީޤަތް. އެ  އާޔަތުގައި އެކުލެވިގެންވާ މާނައަކީ، ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށޭ. އަދި، ވަކިވަކިވެ ނުގަންނާށޭ. އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށޭ. އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއޭ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއޭ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއޭ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއޭ.  اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނޭ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައޭ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ މިއީ. މާތް ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު. އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅު. އެކި ނަންނަމުގައި އެކި ކަންކަމުގައި، ބައިބައިވެ އިސްލާމީ އަޚްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު. އެކަމަށް ޓަކައި އަޅުގަނޑުމެންނަށް މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތައް ހަނދާންކުރުން މުހިންމު. އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގައި ދަންނަވާލި ފަދައިން، އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް، އޯގާވަންތަ ﷲ ދިވެހީންނަށް ވަދީޢަތްކުރައްވާފައިވޭ. އެއްދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން. 

ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ. އެހެނީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން. އެކުވެރިވުމުން އަމާންކަން ލިބިދޭ. އިތުބާރު ލިބިދޭ. އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައް ހަރުދަނާވެ އުންމަތްތައް ކުރިއަރައިދޭ. މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއަށް. އަވަސް ކުރި އެރުންތަކަށް. 

ޤައުމެއްގެ މިސާލަކީ އާއިލާއެއްގެ މިސާލު. އާއިލާއަކުން އަބަދު ވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނާ. ގައުމެއް އެ ޤައުމެއްގެ ބިމާއި މީހުންގެ ސަލާމަތާ މެދު ވިސްނާ. އާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރޭ. ޤައުމެއްގައި ވެސް އެ ސިފަ އޮންނަންޖެހޭ. އާއިލާއެއް އަބަދުވެސް ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން އަދި ޞިއްޙީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އެ އާއިލާއެއްގެ ކުދިން މޮޅުކުރަން ބޭނުންވޭ. އެ ކަމަށް ޓަކައި މަސައްކަތް ވެސްކުރޭ. ޤައުމެއް ވެސް ދެމި އޮންނަނީ މި ގޮތުން. ޤައުމެއް  ފިކުރީ ގޮތުން ފުދުންތެރިވާންޖެހޭ.  ޢިލްމީ ގޮތުން ހޭލުންތެރިވާންޖެހޭ. އިޤުތިޞާދީ ގޮތުން ފޯރުންތެރިވާންޖެހޭ. ހުނަރުގެ ގޮތުން އުފެއްދުންތެރިވާންޖެހޭ. މި ހުރިހައި ބަހާތަކަކާއެކު ޤައުމީ ގޮތުން އެއްބައިވަންތަ ވާންޖެހޭ. ކުލުނުވެރިކަމާއި އިޙްސާންތެރިކަމާއި އިޚްލާޞްތެރިކަން ރައްޔިތުންގެ ކިބައިގައި ހަރުލާންޖެހޭ.  ދިވެހީންގެ މާޒީ ދިވެހީންނަށް ދިނީ މި ފިލާވަޅު. އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ޢަމަލީ ގޮތުން ދަސްކުރީ އަދި އުނގެނުނީ މި ފިލާވަޅު. މީ އެއް ޤައުމެއްކަން.  އެއްބައެއްކަން.

ޒަމާންތަކަށް ދިވެހިންގެ ވުޖޫދު ކަށަވަރުކޮށްދެއްވާ! އެއްރޫޙެއްގައި އެއް ޢަޒުމެއްގައި ދެމިތިބި ތިބުން ދަމަހައްޓަވައިދެއްވާ!  އެކަމަށް ޓަކައި މިއީ އެއްބައިވަންތަ އެކުވެރި ޤައުމެއްކަން ހަމަ ކޮންމެ ދިވެއްސަކު ބަހާއި ޢަމަލުން ސާބިތުކޮށްދެއްވާ! ދިވެހީންނަށް ޤުދުރަތުން ހަދިޔާކުރައްވާފައިވާ އެއްގޮތްވަންތަ ސިފަތައް އެ ގޮތުގައި ހިފަހައްޓަވައިދެއްވާ!  އޭގެ ހިޔަލުގައި ހަމަޖެހުމާއި ކުރިއެރުމާއި ތަރައްޤީގެ މޭވާ ބިންނަން ހުރިހައި ދިވެހީން ތައްޔާރުވަމާ ހިންގަވާ!

އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

 

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

والسلام عليكم ورحمة الله وبركا ته

މިއަދު އޮންލައިން