ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ މާތް ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅައި އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް1 ފާހަގަކުރަން ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހަމައެއާއިއެކު ލިބިގަންނަންވީ އެކިނަންނަމުގައާއި އެކިކަންކަމުގައި، ބައިބައިވެ އިސްލާމީ އަޚްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅުކަމަށެވެ. އަދި އެކަމަށްޓަކައި އަޅުގަނޑުމެންނަށް މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތައް ހަނދާންކުރުން މުހިންމުކަމަށެވެ.
"އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް، އޯގާވަންތަ ﷲ ދިވެހީންނަށް ވަދީޢަތްކުރައްވާފައިވޭ. އެއްދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން."
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން:
އަޅުގަނޑުމެން ސުނާމީ ކާރިސާ ތަޖުރިބާކުރިފަހުން 19 އަހަރުވީ. މިހާރު އުމުރުން ތިރީސް އަހަރު ފުރިފައިވާ ހަމަ ކޮންމެ މީހަކު ވެސް އެ ދުވަހުގެ ހަނދާންތައް ވަރަށް ރަނގަޅަށް ހުންނާނެ. ކޮން ކަހަލަ ހަނދާންތަކެއްތޯ؟ ހިތްޕުޅަށް ގެންނަވާ! އަނެކުންގެ ސަލާމަތަށް ޓަކައި އޮޔާއި ރާޅާ ދެކޮޅަށް ކުރެވުނު ހިއްވަރުގަދަ މިންނެތް މަސައްކަތް. ފަތަމުން ފީނަމުން ކަރުތާފެނުގައި އަނެކުންގެ ދިފާޢުގައި ކުރި އިންސާނީ މާތް ޚިދުމަތް. ތިމާގެ މީހެއްތޯ، ހިލޭ މީހެއްތޯ، ރައްޓެއްސެއްތޯ، ބީރައްޓެއްސެއްތޯ ބެލުމެއް ނެތި، އަނެކާގެ ޙައްޤުގައި އެވީ ޤުރްބާނީ. ޖެހިގެން ހުރިގޭގައި އޮތް އުމުރުން ދުވަސްވީ ކާފަ، އޮޔާ ގެންގޮސްފާނެތީ އެ ކާފަ އަތުލަފިކޮށްގެން އުފުލިއުފުލުން. އެއްވެސް އުޖޫރަޔަކާ ނުލައި ހަމައެކަނި ލިއްލާހި އަށްޓަކައި އެތައް ރަށަކަށް ދަތުރުކޮށް ވެދިން ބޮޑު އެހީތެރިކަން. އަދި ކީއްތޯ؟ ހާލުގައި ޖެހުނު ފަރާތްތައް ތިމާގެ އަމިއްލަ ރަށަށް ހިޖުރަ ކުރި ދުވަހު އެކަމާ އުފަލުން ރަށު އެންމެން ނިކުމެ ކީ ހޫނު މަރުޙަބާ. މި ހުރިހައި ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން.
އާދެ! މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ބިނާކުރަން ގަސްތުކުރަނީ ދިވެހީންގެ ކިބައިގައިވާ މި ޚާއްޞަ ސިފައިގެ މައްޗަށް. ހަމަ އެންމެ ސިފައެއްގެ މައްޗަށް. އެއީ ކޮން ސިފައެއްތޯ؟ އެއްބައިވަންތަކަމުގެ ސިފަ. ޒަމާނުއްސުރެ ދިވެހީންނަކީ އެއްބައިވަންތަ ބައެއް.
އެއްބައިވަންތަކަމަކީ ކޮބައިތޯ؟ އެކަކު އަނެކަކާ ގުޅިގެން އުޅުން. އެކެއްގެ ހިތާމައިގައި އަނެކަކު ބައިވެރިވުން. އެކަކަށް ނުއުފުލޭ ބުރަ، ދެން ތިބި އެންމެން ވެގެން އުފުލައިދިނުން. އެންމެންގެ ސަލާމަތަށްޓަކައި އެންމެން އެކުވެގެން މަސައްކަތްކުރުން. ދެބަސްވުމެއްގެ ހިޔަނި ފެނިލާ ވަގުތު ވެސް، އަވަހަށް އޮމާންކަމާއެކު އެކަން ހައްލުކުރަން ބުއްދިވެރީން އިސްނެގުން. މި ގޮތަށް ބައެއްގެ ގުޅުންތަކާއި އުޅުންތައް އޮންނައިރު އެ ޖަމާޢަތެއް ވާނީ އެއްބައިވަންތަ ޖަމާޢަތަކަށް. ދިވެހީންނަކީ މި ސިފަތައް ހުރިބައެއް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެއް. އެއީ، ތަފާތު އެކި ގޮތްގޮތުން ދިވެހީންނަށް ލިބިފައިވާ އެއްގޮތްވަންތަކަން. އެއްގޮތްވަންތަކަމޭ އަޅުގަނޑު މި ދަންނަވާލި އިބާރާތުގެ ތަފުސީލެއް އަރުވަން ބޭނުން.
ދުނިޔޭގައި ބޮޑެތި ލޭ އޮހޮރުވުންތައް ހިނގައިފައިވާ ސަބަބުތަކަށް ބަލާއިރު، ތަފާތު ބަސްބަހުން ވާހަކަދައްކާ، ތަފާތު ދަރިކޮޅުތަކުގެ މީހުން އެއްތަނެއްގައި އުޅެން ޖެހުން ހިމެނޭ. މިހެން އުޅޭ އުޅުމުގައި އެ ތަނެއްގެ މައްޗަށް ދަޢުވާކުރެވި އަނެއް ބަޔަކަށްވުރެ ތިމާމެން މާ މޮޅުކަމަށް ގަބޫލުކުރެވި އުފެދޭ އިޙްސާސްތަކެއްގައި ހަނގުރާމަ ހިނގައިފައި އެބަހުރި. ދިވެހީންނަށް ބަލާއިރު މި ތަފާތެއް ނެތް. ދިވެހީން ވާހަކަދައްކަނީ އެއް ބަހަކުން. ލިޔަނީ އެއް އަކުރަކުން. އެހެންވީމާ، ބަހުގެ މައްޗަށް ބޮޑާވެ ދެބަސްވެގަތުމެއް ދިވެހީންގެ ކިބަޔަކު އެއް އިރަކު ވެސް ނެތް.
ދެން އޮތީ ނަސްލު. ތަފާތު އެކި ނަސްލުތައް އޮތުމަކީ ވެސް ބޮޑެތި ހަމަނުޖެހުން އުފެދޭ ކަމެއް. ދިވެހިރާއްޖެއަށް ބަލާއިރު ނަސްލީ ތަފާތުތަކެއް ވެސް ނެތް. ދޮނާ ކަޅުގެ ހަނގުރާމައެއް ރާއްޖެއަކު ދުވަހަކު ވެސް ނުހިނގާ. އެ ފަދަ ކަމެއް ހިނގާނެ އެއްވެސް ސަބަބެއް ވެސް، އެއްވެސް ޒަމާނަކު ރާއްޖެއަކު ނެތް. ދިވެހީންގެ ނަސްލަކީ ދިވެހި ނަސްލު. ދިވެހިބަހުން ވާހަކަދައްކާ ދިވެހީންގެ ނަސްލު. އެހެންވީމާ، ނަސްލުގެ ގޮތުން ވެސް ދިވެހީން މި ވަނީ އެއްގޮތްވަންތަ ބަޔަކަށް.
ދެން އޮތީ ދިވެހީންގެ ސަގާފަތް. ސަގާފަތަކީ ބަޔަކު އުޅޭ ގޮތް. ދިރިއުޅުމުގައި ކަންކަން ކުރާ ގޮތް. ތަޢުލީމު އުނގެނުމުގައި ޢަމަލު ކުރާ ގޮތް. މަސައްކަތްތަކާއި ސިޔާސީ ގޮތުން ވެސް ދަމަހައްޓާ ގޮތް. ވަރަށް ފަހަކާ ޖެހެންދެން މި ކަންކަން ވެސް އޮތީ ހަމަ އެއް ގޮތަކަށް. ދިރިއުޅެން ގެދޮރު އަޅައި އުޅުނީ ހުރިހައި ރަށެއްގައި ވެސް ދާދި އެއް ގޮތަކަށް. އޮޑިދޯނި ފަހަރު ބަނދެ ފެނަށް ބާލަނީ އެއް ސިފަޔަކަށް. ތަޢުލީމު ވެސް އެ ފަދަ. ބޮޑުތަރުތީބުން ކިޔެވި އިރު އެންމެން ވެސް ކިޔެވީ ބޮޑުތަރުތީބުން. ތަޢުލީމުއްދީޔާނާއިން ކިޔެވި އިރު އެ ފޮތުން. ފަހުން އިނގިރޭސި ތަޢުލީމަށް ބަދަލުވެ ޖީ.ސީ.އީ. ނަގަން ފެށުމުން ދެން އެންމެން ވެސް މިސްރާބު ޖެހީ ޖީ.ސީ.އީ.އާ ދިމާއަށް. އެއަށް ފަހު މަތީ ތަޢުލީމަށް. ހަމަ އެހެންމެ، ސިޔާސީ ސަގާފަތަށް ބަލާއިރު، އެ ދުވަސްވަރު ހަމަ ކޮންމެ ރަށެއްގައި ވެސް ކަތީބަކާއި ކުޑަކަތީބަކާއި އަދި އަތޮޅުގައި ނައިބަކާއި އަތޮޅުވެރިޔަކު ހުންނަވާ. އެއީ، ރަށްފުށުގެ ސިޔާސީ ބާރުވެރިކަން ތަރުތީބުވެފައި އޮތްގޮތް. ހުރިހައި ރަށެއްގައި ވެސް މިހެން. އެހެންވީމާ، ސަގާފީ ގޮތުން ވެސް ދިވެހީންގެ ކިބައިން ފެންނަނީ އެއްގޮތްވަންތަކަން. އެއްބައެއްކަން.