ފަރުވާ ބޭނުންވާ ގިނަ މައްސަލަތަކެއް މުޖުތަމަޢުގައި އެބަހުރި!: ރައީސް ޑރ.މުޢިއްޒު

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 26ސ
ފަރުވާ ބޭނުންވާ ގިނަ މައްސަލަތަކެއް މުޖުތަމަޢުގައި އެބަހުރި!: ރައީސް ޑރ.މުޢިއްޒު

ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް އެއްބަނޑުއެއްބަފާކަންހުރި، އެއްބައެއްގެ ގޮތުގައި އުޅެމުން އައިސް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މި ވަނީ ކިހާ ހިސާބަކަށްކަމާއިމެދު ވިސްނާލަން ރަނގަޅުކަމަށާއި މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށާއި މުޖުތަމަޢުގެ ގުޅުންތަކަށް ފަރުވާ ބޭނުންވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ރޭ ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ ބޭނުންވާކަމަށާއި އަޅުގަނޑުމެން އެކަކު އަނެކަކުގެ އަބުރަށް ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަ ޖެހޭކަމަށެވެ. އަދި  އަޅުގަނޑުމެންގެ ހިތްތަކަށް ރަޙުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭކަމަށެވެ.  

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

އިންސާނާގެ އެންމެ ފުނުގައިވާ އެއް އިޙްސާސަކީ ދީނުގެ އިޙްސާސް. އިންސާނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދު ގުޅުވައިދޭ ރޫޙާނީ އިޙްސާސް. މި ނަޒަރުން ބެލީމާ ވެސް، ދިވެހީން ފެންނާނީ އެއް ގޮތަކަށް. މިސާލަކަށް، މީލާދުން 1153ގައި  ރާއްޖެ އިސްލާމީ ހިދާޔަތަށް އެނބުރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެ އިސްލާމްވެއްޖެ. ހުރިހައި ދިވެހީންނަކީ އިސްލާމުންކަމުގައި ވެއްޖެ. އެއަށް ފަހު މީލާދުން 1573ގައި އުތީމު މަހާރަދުން ޕޯޗުގީޒުން ބަލިކުރައްވައި ދިވެހި ދައުލަތާ ހަވާލުވެވަޑައިގަތް. އެ ދުވަސްވަރު، ވާދޫ ދަންނަކަލޭގެފާނު، ބޭރުން ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގަތް. އޭނާގެ ތަޢުލީމު އައްޑު އަތޮޅާއި ފުވައްމުލަކާއި އަދި މުޅި ރާއްޖެއަށް ވެސް ފެތުރުނު. އެއީ އޭނާގެ އެކި ދަރިވަރުންގެ ކިބައިން. އޭގެ ތެރޭގައި ނައިބުބޭކަލުންނާއި މުދައްރިސުންނާއި ޤުރުއާން ހިތުދަސް ހާފިޒުން ހިމެނޭ. މި އެޅުނު ހަރުދަނާ ދީނީ ބިންގަލުގެ ނަތީޖާއަކަށް ވީ މާތް އަޚްލާޤެއްގެ ވެރި ޖީލެއް އުފެދުން. ހަރުދަނާކަން ހުރި މުޖުތަމަޢެއް އުފެދުން. ޤައުމުގައި ޒިންމާދާރުކަން އުފެދުން. މި ދެންނެވި އުފެދުމަކީ އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން އުފެދުނު އިސްލާމީ އަޚްވަންތަކަމުގެ ބަދަހި މާތް ގުޅުމެއް. އެހެންވީމާ، ދީނީ ގޮތުން ވެސް، ދިވެހީންނަށް ލިބިފައި މި އޮތީ އާދަޔާ ޚިލާފު ބޮޑު އެއްގޮތްވަންތަކަމެއް.  

މިހައި ހިސާބުން ދެން އަޅުގަނޑު ބަލައިލާނީ، ދިވެހީން ދިރިއުޅޭ ތަނަށް. ބިމަށް. ދިވެހީންގެ ޖައްވާއި ރާއްޖެއަށް. ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ބަލާއިރު ރަށްތައް އުފެދިފައި ހުންނަނީ ދާދި އެއް ގޮތަކަށް. އެތުރިފައި އޮންނަނީ ވެސް ދާދި އެއް ސިފައެއްގައި. ކަނޑުތަކުގެ އޮޔާއި ވަޔާއި މޫސުމާއި އަދި ކަނޑުފަޅުގެ ކުލައިގައި ވެސް ތަފާތެއް ނުހުރޭ. ރާއްޖޭގެ އެންމެ އުތުރުން އޮތް ރަށުގައި ހެދޭ ގަސް، ރާއްޖޭގެ އެންމެ ދެކުނު ރަށުގައި ވެސް ހެދޭ. ހެދިފައި އެބަ ހުރިވެސްމެ. ފަރަގެއް ތަފާތެއް ނެތް. މިއީ ޤުދުރަތީ ވަރަށް މަތިވެރި ނަސީބެއް. ވަރަށް މާނަހުރި ފިލާވަޅެއް. މި އެއްގޮތްވަންތަ ސިފަތަކަކީ، ދިވެހިރާއްޖެއަށް ޚާއްޞަ ސިފަތަކެއް. ނަމަވެސް، ދުނިޔޭގެ ބައެއް ރާއްޖެތަކަށް ނުވަތަ ބައްރުތަކަށް ބަލައިލާއިރު، އެއް ދިމާއިން އަތިރިމަތީގައި ހުދު ދޮންވެލި އޮވެފައި އަނެއް ދިމާޔަކުން އޮންނަނީ މުށިފަސްގަނޑެއް. އެއް ފަރާތެއްގައި އުސް ފަރުބަދަތައް ހުންނަ އިރު، މެދުތެރޭގައި ހަނަފަސްކަން އޮވެދާނެ. ނޫނީ އަލިފާން ފަރުބަދައެއް ހުރެދާނެ. އަދި އަނެއް ފަރާތެއްގައި ތިރިތިރި ކޯރުތައް އޮވެދާނެ. މޫސުން ވެސް އެ ފަދަ.  އެހައި ތަފާތު ބޮޑު. މިއާ ޚިލާފަށް، ރާއްޖޭގެ ސިފަޔަށް ބަލައިލިޔަސް، މި ފެންނަނީ، އަދި ފެންނާނީ އެއްގޮތްވަންތަކަން. ރީތިކަން.

މި ހުރިހައި ކަމަކަށް ބައްލަވައި، އަރަބީންގެ ތާރީޚު ލިޔުންތެރިޔަކު ވިދާޅުވެފައި އޮވޭ. ދިވެހި ރާއްޖެއަކީ މި ބިންމަތީގެ ސުވަރުގެޔޭ.  މިއަދު ވެސް މަޣުރިބުކަރައިގެ މީހުން ރާއްޖޭގެ ނަން އެ ގޮތަށް ކިޔައި އުޅޭ.  އެ މީހުން ދިވެހިރާއްޖެއަށް ކިޔަނީ ޖަންނަތު. ނުވަތަ ސުވަރުގެ. 

މި ފަދަ ޙަޤީޤަތްތައް އަޅުގަނޑުމެން ދިވެހީންގެ ޙަޔާތާ ގުޅިފައިވަނިކޮށް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މި ވަނީ ކިހާ ހިސާބަކަށްތޯ؟ އަޅުގަނޑު ހިތުން ވިސްނާލަން ރަނގަޅު. ޝައްކެއްނެތް މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ އެބަ ބޭނުންވޭ. އަޅުގަނޑުމެން ދިވެހީން އެކަކު އަނެކަކުގެ އަބުރަށް ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަ ޖެހޭ. އަޅުގަނޑުމެންގެ ހިތްތަކަށް ރަޙުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ. 

އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް.  މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ. އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. 

ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫޙުގައި ހަރަކާތްތެރިވެގެން.

 

މިއަދު އޮންލައިން