އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، ފުށުއަރާފަދަ ފޮތްތައް ނައްތާލުމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ހުރިހާ ސްކޫލްތަކަކަށް އަންގަވައިފިއެވެ.
ތައުލީމީ ވުޒާރައިން ބުނެފައިވަނީ ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތްތަކުގައި އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާއި ފުށުއަރާފަދަ އެއްވެސް އެއްޗެއް ހުރިނަމަ ވުޒާރާއާއި ގުޅިގެން އެ ފަދަ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ހުރިހާ ސްކޫލްތަކަކަށް އަންގަވާފައިވާކަމަށެވެ.
މިނިސްޓަރު ޝަފީއު ސޮއިކުރައްވާ ސްކޫލްތަކަށް މިފަދަ ސަރކިއުލަރއެއް ފޮނުއްވާފައި މިވަނީ އިސްލާމީ އަގީދާއާއި އަސްލާއި އުސޫލުތަކާއި ހިލާފް ފޮތްތަކެއް ސްކޫލްގެ ރަސްމީ ތަތްގަނޑު ޖެހުމަށްފަހު ދަރިވަރުން ބޭނުންކުރުމަށް ޖަމާލުއްދީން ސްކޫލްގެ ލައިބްރަރީގައި ބެހެއްޓި މައްސަލައެއް ފެންމަތިވެ ބެލެނިވެރިންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓްރީން ފޮނުވި ސާކިއުލާގައި ވަނީ ސްކޫލްތަކުގެ ލައިބްރަރީގައި ބޭނުންކުރާ ފޮތްތަކާއި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާއި ފުށުއަރާފަދަ ތަކެތި ހުރިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުންވެސް ސްކޫލް ލައިބްރަރީއަށް ހަދިޔާކުރާ ފޮތްތަކަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ސްކޫލުން ކަށަވަރުކުރުމަށް އެދިފައިވެއެވެ.