ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި، ގެއްލުންލިބޭ މީހުންނަށް ބަދަލުދެވޭ ބިލެއް މަޖިލީހަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި، ގެއްލުންލިބޭ މީހުންނަށް ބަދަލުދެވޭ ބިލެއް މަޖިލީހަށް!

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ މަންފާ ހޯދާ ފަރާތްތަކުގެ އަތުން އެ މުދާ ދައުލަތަށް ނަގައި، އެފަދަ ކުށްތަކުގެ ސަބަބުން އަނިޔާއާއި ގެއްލުން ލިބޭ މީހުންނަށް އޭގެއިން ބަދަލު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ޣައިރުގާނޫނީ ގޮތުގައި މުއްސަނދިކަން ހޯދުން ހުއްޓުވުމާއި، އެފަދަ މުދަލުން އިތުރު މާލީ ނަފާއެއް ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުކޮށްލުމެވެ.

މި ބިލުގައިވާ ގޮތުން، ކުށް ސާބިތުވުމުން މުދާ ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ޝަރީއަތަށް ކުށް ސާބިތު ނުވި ނަމަވެސް ޣައިރުގާނޫނީ މުދާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ ބާރު ލިބިދެއެވެ. އަދި ތަހުގީގު މަރުހަލާގައި މުދާ ފޮރުވުމާއި ނައްތާލުން ހުއްޓުވުމަށްޓަކައި 'ރިސްޓްރެއިންޓް އަމުރެއް' ނެރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ. މީގެއިތުރުން، ވަކި ޝަރުތުތަކެއް ފުރިހަމަވާ ހާލަތްތަކުގައި ކޯޓުގެ ވަކި ހާއްސަ އަމުރަކާ ނުލައި 'އޮޓޮމެޓިކް ފޯފީޗަރ' ގެ ދަށުން މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި، ރާއްޖޭން ބޭރުގައި ކުރާ ކުށްތަކުން ހޯދާފައިވާ މުދަލާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، ބޭރު ގައުމުތަކާ ގުޅިގެން މުދާ ހިފެހެއްޓުމާއި ހޯދުމުގެ އެއްބާރުލުން ދިނުމުގެ އުސޫލުތައް ވެސް ވަނީ އެކުލަވާލައިފައެވެ.

މި ބިލުގެ ދަށުން މުދާ ނެގޭނެ 15 ކުށެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ޓެރަރިޒަމް އަދި މަސްތުވާތަކެތި ޓްރެފިކް ކުރުން

- ކޮރަޕްޝަން އަދި މީހުން މެރުން

- މީހުން ޓްރެފިކް ކުރުމާއި ހަތިޔާރު ޓްރެފިކް ކުރުން

- އިންސައިޑާ ޓްރޭޑިންގ އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް

- 500،000 ރުފިޔާއިން މަތީގެ ޓެކްސް ނުދެއްކުމުގެ ކުށްތައް

- 100،000 ރުފިޔާއަށް ވުރެ މަތީގެ ފޭރުމާއި، ވައްކަމާއި، ހިޔާނާތް އަދި މުދާ ސްމަގްލް ކުރުމުގެ ކުށްތައް

މި ނިޒާމު ހިންގުމަށްޓަކައި ދައުލަތުގެ މުޅިން އައު ދެ އިދާރާއެއް ގާއިމުކުރުމަށް ބިލުގައި ލާޒިމުކުރެއެވެ. އެގޮތުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގާ، މަޖިލީހަށް ޖަވާބުދާރީވާ މިނިވަން އިދާރާއެއްގެ ގޮތުގައި 'އެސެޓް މެނޭޖްމަންޓް އޮތޯރިޓީ' އެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހެއެވެ. މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި، އެ ތަކެތީގެ އަގު ކަނޑައެޅުމުގެ އިތުރުން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލުދިނުމުގެ އެންމެހައި ކަންކަން އިންތިޒާމުކުރުމެވެ.

މީގެއިތުރުން، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި 'ރިކަވާޑް އެސެޓް ފަންޑު' ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރަންޖެހެއެވެ. މި ފަންޑުގެ ބޭނުމަކީ ކުށްކުރުން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކަށް ހަރަދުކުރުމާއި، ކުށްތަކުގެ ސަބަބުން އަނިޔާއާއި މާލީ ގެއްލުން ލިބޭ ފަރާތްތަކަށް އިންސާފުވެރި ބަދަލެއް ހޯދައިދިނުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމެވެ.

މިއަދު އޮންލައިން