ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ދިވެހި ސިފައިން މަރުހަބާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ދިވެހި ސިފައިން މަރުހަބާ ދަންނަވައިފި

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ދިވެހި ސިފައިން މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނަށް ދިވެހި ސިފައިން މަރުހަބާ ދަންނަވާފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވުމަށް ފަހު ނޮވެންބަރު 17 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒު، ބަންޑާރަކޮށްޓަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ޒިޔާރަތުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އިސްތިޤުބާލުކުރައްވައި މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނެވެ. ދިވެހި ސިފައިންގެ ހަތްކޮޅުގައި ބަންޑާރަކޮށްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. 

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި، އެންލިސްޓެޑް ސިފައިންނާ ބައްދަލުކުރައްވާފައެވެ. އަދި މިއީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިޞިއްޔަތުން އެމަނިކުފާނު ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒަށް ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު އޮންލައިން