އޮރެންޖުން ލިބޭ ފައިދާތައް ގިނަ- ކެއުމުގަ ސަމާލުކަންދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރި!

ކިޔުމަށް ހޭދަވާނީ 3މ 44ސ
އޮރެންޖުން ލިބޭ ފައިދާތައް ގިނަ- ކެއުމުގަ ސަމާލުކަންދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރި!

އުންމު ނަވާރު

 

އޮރެންޖު ނިސަބަތްވަނީ ސިޓްރަސް ( ހުތް ) މޭވާގެ އާއިލާއަށްށެވެ. އޮރެންޖު ކުލައިގެ ބޯތޮށި ގަނޑެއް އޮންނަ މި މޭވާއަކީ ކާލަން މީރު، އަގު ހެޔޮކޮށް ލިބޭ، ފަސޭހައިން ކާލެވޭ އަދި އެހާމެ ގިނަގުނަ ފައިދާތައް އޭގައި އެކުލެވޭ މޭވާއެކެވެ. ބާޒާރުގައި ތަފާތު ވައްތަރުގެ އޮރެންޖު ހުރެއެވެ. ބައެއް އޮރެންޖުގައި ހުތް ރަހަ ދޭއިރު ބައެއް ފަހު ހުތް ފޮނި ރަހަދޭ އޮރެންޖާވެސް ދިމާވެއެވެ. މި މޭވާއަކީ ތަފާތު ގޮތް ގޮތަށް ބޭނުން ކުރެވޭ މޭވާއެކެވެ. މިމޭވާގެ ތޮށިވެސް ކޭކު ފިހާއިރު ބޭނުންކޮށް އުޅެއެވެ. މި މޭވާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ވިޓަމިން ސީ ލިއްބައިދޭ މޭވާއެއްގެ ގޮތުގައެވެ. 

ވިޓަމިން ސީ ގިނަ މެވާއެއް: 

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ ލިއްބައިދޭ މޭވާއެކެވެ. އާދައިގެ މެދު ސައިޒުގެ އޮރެންޖަކުން ގާންގަނޑަކަށް 70 މިލިގުރާމްގެ ވިޓަމިން ސީ ލިއްބައިދޭކަމަށްވެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑަށް އެކި މަސައްކަތްތަކަށް ބޭނުންތެރި މޭވާއެކެވެ. އެގޮތުން ވިޓަމިން ސީ ގެ އެހީއިން އިންސާނާގެ ހަށިގަނޑުގައިވާ ސެލްތައް ހަލާލުވުމުން ދުރުކޮށްދެއެވެ. ހަށިގަނޑަށް ޖެހޭ އެނީމިއާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބޭނުންތެރި މާއްދާއެއް ކަމަށްވާ ދަގަނޑުގެ ބައި ފަސޭހައިން އޮރެންޖު ކެއުމުން ހަށިގަނޑަށް ނަގައިދެއެވެ. ވިޓަމިން ސީ އަކީ ހަންގަނޑަށްވެސް ނުހަނު ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން ސީ ގައި ކޮލާޖަން އެކުލެވެއެވެ. ހަންގަނޑު ވަރުގަދަކޮށްދީ ހަމުގައިވާ ޒަހަމްތައް ރަނގަޅު ކޮށްދިނުމަށް ކޮލާޖަން އެހީތެރިވެދެއެވެ. 

ލެގެ ޕްރެޝަރަށް ރަނގަޅު މެވާއެއް: 

އޮރެންޖުގައި އެއްވެސް ވަރަކަށް ސޯޑިއަމް އެކުލެވިގެން ނުވެއެވެ. އޮރެންޖުން ގިނަ އަދަދަކަށް ޕޮޓޭޝިއަމް ލިއްބައިދެއެވެ. އާދައިގެ މެދު ސައިޒު އޮރެންޖަކުން ގާތްގަނޑަކަށް 237 މިލްގުރާމުގެ ޕޮޓޭޝިއަމް ލިއްބައިދޭނެއެވެ. އޮރެންޖުގައި ސޯޑިއަމް ނުހިމެނުމާއި އަދި ޕޮޓޭޝިއަމް ގިނަ އަދަދަކަށް އެކުލެވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓައި ދިނުމަށް އެހީތެރިވެދިނުން : 

އެއް ނާވަލް ( ވައްކޮށް އިންނަ ) އޮރެންޖުން ގާތްގަނޑަކަށް 121 ގްރާމް ނުވަތަ ހަތަރު އައުންސް ފެން ފޯރުކޮށްދެއެވެ. އާންމުކޮށް އަންހެނެއްގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާނީ 92 އައުންސުގެ ފެނެވެ. މިއާއި ހިލާފަށް ފިރިހެނެއްގެ ހަށިގަނޑަށް ބޭނުންވާނީ 124 އައުންސްގެ ފެނެވެ. އެކ މީހުންގެ ހަށުގަނޑަށް ފެން ބޭނުންވާނީ އެކި މިންވަރަށެވެ. އުމުރާއި ތިމާ ކުރާ މަސައްކަތާއި ސިއްހީ ހާލަތަށް ބެލުމަށްފަހު ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު ތަފާތުވެދާނެއެވެ. އާންމު ގޮތެއްގައި 20 އިންސަތައިގެ ފެން ހަށިގަނޑަށް ނަގަނީ އަހަރަމެން ކެއުމުގައި ބޭނުންކުރާ ކާއެއްޗެހިންނެވެ. އޮރެންޖު ފަދަ ފެނުން މުއްސަނދި ވެފައިވާ މޭވާ ކެއުމުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ފެން ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭނެއެވެ. 

އޮރެންޖު ކެއުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން: 

އޮރެންޖު ކެއުމުން ގެސްޓްރޯއެސޯފެޖިއަލް ރިފްލަކްސް ޑިޒީޒް ( ވައިގެ އުދަގޫ ވަރަށް ބޮޑަށް ކުރާ ބައްޔެއް ) ބަލި ހުންނަ މީހުންގެ އަލާމާތްތައް އިތުރުވެދާނެއެވެ. އަޅުގަނޑަކީވެސް އެބަލި ހުންނަށް މީހެއްކަމުން މިކަންވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. އޮރެންޖު ކެއުމުން މި ބަލީގެ އުދަގޫ އަޅުގަނޑަށް ބޮޑުކޮށްލައެވެ. އޮރެޖުން ލިބިދޭ އެހެނިހެން ފައިދާތައް ގިނަކަމުން އޮރެންޖު ކައި އުޅެމެވެ. އަޅުގަނޑަށް ފާހަގަވި ގޮތުގައި އޮރެންޖު ކައި ނިމޭ ގޮތަށް ފެން ނުބޯނަމަ ގޭހުގެ އުނދަގޫ ކުޑައެވެ. އޮރެންޖަކީ އެސެޑެޓީ މޭވާއެއް ކަމުން އޮރެންޖު ކެއުމުން މޭ އެންދުމުގެ އުދަގޫ ބޮޑުވެދާނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން މާގިނައިން އޮރެންޖު ޖޫސް ބޯނަމަ ބަރުދަށް އިތުރުވުން އެކަށީގެންވެއެވެ. ބައެއް ކަހަލަ ބޭސް ބޭނުން ކުރާއިރު އޮރެންޖު ކާނަމަ ގެއްލުންވުން އެކަށީގެންވެއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

ލިޔުނީ: އުންމު ނަވާރު

މަސްދަރު

Cynthia Sass, M. Health benefits of oranges, Health. Available at: https://www.health.com/food/health-benefits-oranges.

Oranges: Health benefits, nutrition, diet, and risks. Medical News Today. Available at: https://www.medicalnewstoday.com/articles/272782#benefits.

Oranges: Nutrition & health benefits. WebMD. Available at: https://www.webmd.com/food-recipes/health-benefits-oranges.

 

 

 

މިއަދު އޮންލައިން