އެންއައިސީގެ އިންވެސްޓިގޭޓަރުންގެ ދަތިކަން ބޮޑުވެ، މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނައިބު ރައީސް ފާތިމަތު ޝަރީފް ވިދާޅުވީ، މައްސަލަތައް ބަލާ ފަރާތްތައް މަދުވުމުގެ ސަބަބުން ކަނޑައަޅާފައިވާ ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
އެގޮތުން، މިވަގުތު އެ އިދާރާގައި މަސައްކަތް ކުރަމުންދަނީ އެންމެ 9 އިންވެސްޓިގޭޓަރުން ކަމަށާއި، އަހަރު ފެށުނުއިރު މި އަދަދު މިއަދަށްވުރެވެސް މަދު ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އިންވެސްޓިގޭޓަރުން މަދުވުމުގެ ސަބަބުން މައްސަލަތައް ބެލުން ލަސްވެ، ނުބެލި ހުރި މައްސަލަތަކުގެ (ބެކްލޮގް) އަދަދު އިތުރުވަމުންދާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ނަމަވެސް، މި ދަތިތަކާއެކުވެސް ޚާއްސަ އިސްކަމެއްދީގެން މައްސަލަތަކުގެ ބެކްލޮގް ކްލިއަރ ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެންއައިސީން ވަނީ ހާމަކޮށްފައެވެ.