ގްރީން ޓެކުހުން ލިބުނު އާމްދަނީ 1.7 ބިލިޔަން ރުފިޔާއަށް އަރައިފި؛ މިދިޔަ އަހަރާ އަޅާބަލާއިރު %5.4 އިތުރު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ގްރީން ޓެކުހުން ލިބުނު އާމްދަނީ 1.7 ބިލިޔަން ރުފިޔާއަށް އަރައިފި؛ މިދިޔަ އަހަރާ އަޅާބަލާއިރު %5.4 އިތުރު!

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %5.4 ގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ގްރީން ޓެކުސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި ޓެކުސް ނަގަނީ ރާއްޖޭގައި އޮޕަރޭޓްކުރާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކާއި، ހޮޓާތަކާއި، އަދި ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ ދުވާލަކަށް 6 ޑޮލަރެވެ. ނަމަވެސް، އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ މިވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި މިހާރު 180 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 932 ގެސްޓްހައުސް އަދި 166 ސަފާރީ އުޅަނދު ދަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން