ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ "ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫޢު" ގެ ސަބަބުން، މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވި، ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ ޔަޤީންކަން އެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު ޢަލްއައްބާރު ދެއްވައިފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޢަލްއައްބާރު ވިދާޅުވީ، މިފަދަ ބިޔަ މަޝްރޫޢެއް ހިންގުމުގައި އެއްވެސް މަޖުބޫރީ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް މި މަޝްރޫޢަށް ޝައުޤުވެރިވެވަޑައިގަތީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާހުރި ބޮޑު އިޤްތިޞާދީ ހަރަކާތަކަށް މަގުފަހިވެގެންދާނެކަން އެނގިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އީގަލް ހިލްސްއިން އަންދާޒާކުރާ ގޮތުގައި މި މަޝްރޫޢުގެ ދަށުން އަހަރަކު 900,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. އަދި އޭގެ ތެރެއިން ކޮންމެ ފަތުރުވެރިއަކުވެސް ދަތުރަކަށް އެވަރެޖްކޮށް 2,000 އެމެރިކާ ޑޮލަރު ހޭދަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، މި މަޝްރޫޢު ކުރިއަށްދާ މުއްދަތުގައި އަދި މަޝްރޫޢު ނިމުމަށްފަހުގައިވެސް ޑިއުޓީއާއި ޓެކްސް މާފްކުރުމުގެ އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައިނުވާކަން އަލްއައްބާރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޓެކްސްގެ ތެރެއިން ދައުލަތުގެ ބަޖެޓަށް ބޮޑު އާމްދަނީއެއް ވަންނަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.