ސިފަ ހުތުރު ނަމަވެސް ﷲ ތަޢާލާ ދެއްވަވާ ނޫރުން ބޭރުފުށުގެ ސިފަ ރީތިވެ އިން ޝާ ﷲ ހެޔޮލަފާ ބައިވެރިން ލިބޭނެ މަގު-: ޑރ.ރާނިއާ އަވާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ސިފަ ހުތުރު ނަމަވެސް ﷲ ތަޢާލާ ދެއްވަވާ ނޫރުން ބޭރުފުށުގެ ސިފަ ރީތިވެ އިން ޝާ ﷲ ހެޔޮލަފާ ބައިވެރިން ލިބޭނެ މަގު-: ޑރ.ރާނިއާ އަވާދު

ﷲ ތަޢާލާ ކޮންމެ އިންސާނަކުވެސް އުފައްދަވާފައިވަނީ ތަފާތުތަކަކާއިއެކުގައެވެ. އެގޮތުން އެކި މީހުންނަށް ދެއްވަވާފައިވަނީ އެކި ސިފައެވެ. އެހެންވެ އަހުރެމެންގެ ތެރެއިން ބައެއް މީހުންނަކީ ބޭރުފުށުގެ ސިފަ އެހައިރީތި މީހުންނެއް ނޫނެވެ. 

މިހެން ބުނި ނަމަވެސް އެއްބައަކަށް ހުތުރު އަނެއް ބައަކަށް ވަރަށް ރީތިވެސްވެއެވެ. ކަމުދެއެވެ. ވަރަށް ލޯބިވެސްވެއެވެ. އެއީ ﷲ ތަޢާލާ އެކަން މިންވަރުކުރައްވަވާފައިވާ ނިޒާމެވެ. ނުވަތަ އެކަން ހިނގުމަށް އިރާދަކުރައްވަވާފައިވާ ގޮތެވެ. އެހެން ނޫންނަމަ ކައިވެނި ނުކުރެވި ތިބެންޖެހޭ މީހުން ވަރަށް ބޮޑުތަނުން ގިނަވާނެއެވެ. 

ކޮންމެއަކަސް އެންމެންގެ ސިފަ އެއްގޮތް ނޫންކަމާއި އެއްވަރަށް ރީތި ނޫންކަން އަހަރެމެން ޤަބޫލުކުރަން ޖެހެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަން އެގޮތަށް ބަލައިގަތުމެވެ. 

ސިފަހުތުރުނަމަ ކުރަންވީ ސާރޖަރީއެއް ނޫނެވެ. ތަފާތު ކްރީމްތައް އުނގުޅަންވީއެއްވެސް ނޫނެވެ. ރޫހުރިނަމަ ފުޓުނިއަލަންވީއެއްވެސް ނޫނެވެ. އެކަންކަން ނުކޮށް ޢަޖުމަ ބަލައިލަން ނަމަވެސް ނިކަން ކީރިތި ޤުރްއާން ހިތުދަސްކުރަން ފަށައިބަލާށެވެ! އެންމެ ކުޑަމިނުން ކުރު ސޫރަތްތައް ނަމަވެސް ދަސްކޮށްބަލާށެވެ! 

ޤުރްއާނަކީ އެންމެ އަލިގަދަ ނޫރެވެ. އެނޫރު ތިމާގެ ހިތަށް ވަންވަރަކަށް އެވަންނަނީ މުޅި ހަށިގަނޑަށެވެ. އެނޫރުގެ ސަބަބުން މުޅި ހަށިގަނދަށް އުޖާލާކަން ލިބިގެންދާނެއެވެ. އިންޝާ ﷲ 

އެއިރުން ސިފަ ހުތުރު މީހާވެސް މީސްތަކުންނަށް، ޚާއްޞަކޮށް ހެޔޮލަފާ މީހުންނަށް ފެންނާނީ އުޖާލާކަން ލިބިފައިވާ ރީތި މީހެއްގެ ގޮތުގައެވެ. ހެޔޮލަފާ މީހުންނަށް ކަމަށް މިބުނަނީ ސަބަބެއް އޮތުމުންނެވެ. ﷲ ތަޢާލާ ދެއްވަވާ އެފަދަ ނޫރު ދުނިޔޭގައި ފެނުން ގާތީ ހެޔޮލަފާ މީހުންނަށް ކަމުގައިވާތީއެވެ. މޫނުން ވިދުވަރުފެނި މީސްތަކުންގެ ލޯތްބާއި ހަމްދަރުދީ ލިބެންފަށާނެއެވެ. ހެޔޮލަފާ ބައިވެރިއަކުވެސް ލިބޭނެއެވެ. އިން ޝާ ﷲ

މިކަމަށް ދަލީލު ލިބޭ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ހަށިގަނޑުގެ ވަނާތަކާއި ހަށިގަނޑުގެ ބައިތައް ފޮރުވައި ޙިޖާބް އަލައިގެން ތިބިނަމަވެސް ހެޔޮލަފާ ރަނގަޅު މީހުންނަށް އޭނާ ކަމުގޮސް ބަލައިގަނެ ކައިވެނިކުރޭ ނޫންހެއްޔެވެ؟ އެއީ އޭނާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އޭނާއަށް ދެއްވަވާ ނޫރުގެ ސަބަބުންނެވެ. 

އަހުރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އިތުރަށް މަސައްކަތްކޮށް ކީރިތި ޤުރްއާން ހިތުދަސްކުރަން މަސައްކަތް ކުރުމެވެ. މާނަދަސްކުރަންވެސް މަސައްކަތްކުރުމެވެ. އަދި އަންހެނުން ޙިޖާބް އަޅައި ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ނިވާވެގެން ތިބުމެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަމުގެ ސަބަބުން މީހާގެ ސިފަރީތިވެ އުޖާލާވެގެންދާނެއެވެ. އިން ޝާ ﷲ 

 -ޑރ. ރާނިއާ އަވާދު

މިއަދު އޮންލައިން