ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ދާއިރާ ކުރިއެރުވުމަށްޓަކައި އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތެކޭ އެއްފަދައިން، ދަނޑުވެރިކަމަކީވެސް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ސަރުކާރުގެ އަތްމަތީގައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޖަޒީރާ ތަބީޢަތާއި ބިންތިރިކަމުގެ ސަބަބުން އެހެން ޤައުމުތަކާ އަޅާބަލާއިރު ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ގިނަ ކަމަށެވެ. އަދި އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، އިޤްތިޞާދީ އަދި މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ އިސް އަމާޒަކީ ޤައުމުގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުން ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި އިޤްތިޞާދީ މަންފާއަކަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. މިއީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއްކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.