ބަޑިތަކެއް ހިފައިގެން އުޅުނު ކާރު ހުޅުމާލެއިން ހޯދައިފި، އެއީ ކުޅޭކުޅޭ ބަޑިތަކެއް: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބަޑިތަކެއް ހިފައިގެން އުޅުނު ކާރު ހުޅުމާލެއިން ހޯދައިފި، އެއީ ކުޅޭކުޅޭ ބަޑިތަކެއް: ފުލުހުން

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެނުނު މައްސަލައިގައި، އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދެއްވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ވީޑިއޯގެ މައްސަލަ ސަމާލުކަމަށް އައުމާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެއީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ހާދިސާއެއްކަން ވަނީ ދެނެގަނެވިފައެވެ.

މި މައްސަލައިގެ ތަހުގީގަށް، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޓީމަކުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައެވެ. އޭރު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގުމުން، ފުލުހުން ވަނީ އެ ކާރު ކުއްޔަށް ނެގި ފަރާތް އިދާރާއަށް ހާޒިރުކޮށްފައެވެ.

އެ ފަރާތާ ސުވާލުކުރުމުން، އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ބޭނުންކުރި ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާ ގުޅިގެން ބޭނުންކުރި ކުޅޭކުޅޭ ބަޑިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މިއަދު އޮންލައިން