ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް މަސްވެރިކަން ކުރުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ކަނދުފަތި މަރާމާތުކުރުމާއި އަލަށް ކަނދުފަތި އަޅަމުންދިއުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި 110 ކަނދުފަތި ވަނީ ޤާއިމުކޮށްފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އަޅާފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ޚާއްސަ 56 ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އާއި ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 54 ވަދު ކަނދުފައްޗެވެ.
މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މިއިން އަހަރަކު ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއްކަން ފާހަގަކުރައްވައި އެ ވުޒާރާއިން ވިދާޅުވީ، ކަނދުފަތިތަކުގެ ނަފާ މަސްވެރިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި އަޅާފައިވާއިރު، މިދިޔަ މަހުވެސް ރާއްޖޭގެ އިތުރު 10 ސަރަޙައްދެއްގައި ވަނީ ކަނދުފަތި ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ދޮށީ ކަނދުފައްޗާއި 1 ވަދު ކަނދުފައްޗެވެ.
ސަރުކާރުގެ އަމާޒަކީ ހަލާކުވާ ކަނދުފަތިތައް ލަސްނުކޮށް އަވަހަށް މަރާމާތުކޮށް، މަސްވެރިންނަށް ލުއިފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.