ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ޚިޔާލުތަފާތުވުންތައް އިންވެސްޓަރުންނާ ދެކޮޅު ކެމްޕޭނަކަށް ނުހެދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ލާބައަށާއި އިންވެސްޓްމަންޓްތަކުން ފަހިވާ ފުރުޞަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ތިބި ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ހަރަކާތްތަކުން ކުރިއަށްގެންދާ ކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގުވާހަކަތައް ވާނީ "ހިތްގައިމު މިޔުޒިކަކަށް" ކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން، ޤަބޫލުކުރަން ދަތިވި ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބަކީ ޓޫރިޒަމްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ އަބަދުވެސް ބަދަލުވަމުން އަދި ކުރިއަރަމުން (އިވޯލްވްވަމުން) ދާ އެއްޗެއް ކަމަށެވެ. އަދި ނަފުރަތާއި ދޮގާއި ހަސަދައިން މި އިންޑަސްޓްރީ ބިނާނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ކަންކަމުގެ ޙަޤީޤަތް ބެލުމުގެ ބަދަލުގައި ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.