ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް: 77 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް: 77 އިންސައްތަ މަސައްކަތް ނިމިއްޖެ

އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތް ނިންމައި އަންނަ ދިރާސީ އަހަރުގެ ކިޔެވުން އެ ތަނުގައި ފެށުމުގެ އަމާޒާއެކު ކުރިއަށްގެންދާ މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އިތުރުން ފިނިޝިންގެ މުހިންމު މަސައްކަތްތަކެއްވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ރާނައި ސިމެންތި ޖެހުމާއި، އިމާރާތުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ވޯޓާޕްރޫފިން އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން އިމާރާތުގެ އެތެރެއާއި ބޭރުގެ ދަގަނޑުގެ މަސައްކަތްތަކާއި ކުލަލުމުގެ މަސައްކަތްތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް، ޕްލަމްބިން އަދި އެއާކޮންޑިޝަން (އެމްއީޕީ) ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށެވެ.

އާރްސީސީން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުށިޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމުގެ އިތުރުން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އިމާރާތުގެ ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމާއި ލިފްޓުތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށޭނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، ކުރިއަށް އޮތް އައު ދިރާސީ އަހަރުގެ ކިޔެވުން އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި ފެށުމެވެ.

މިއަދު އޮންލައިން