ޛުލްޙީއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާ ބައްދަލުކުރާނީ ކިހިނެތް

ކިޔުމަށް ހޭދަވާނީ 6މ 2ސ
ޛުލްޙީއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާ ބައްދަލުކުރާނީ ކިހިނެތް

ޢާއިޝަތު ރަފާޙް ޢަލީ

 

މުސްލިމަކަށް ﷲ ތަޢާލާ ހެޔޮކަމުގެ މޫސުންތަކާއި ކިޔަމަންތެރިކަމުގެ އަމަލުތަކަށް މަރުޙަބާ ކިޔުމަށްޓަކައި ދުވަސްތަކެއް ޝަރުޢުކުރަްއްވާފައިވެއެވެ. އޭގެތެރެއިން ޛުލްޙިއްޖާގެ ދިހަ ދުވަހުގެ މޫސުން ހިމެނެއެވެ. ޛުލްޙިއްޖާ މަހަކީ ހިޖުރީ އަހަރުގެ 12 ވަނަ މައްސަރެވެ. އަހަރުގެ ތެރޭގައި ޖެހިޖެހިގެން އަންނަ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ފުރަތަމަ މަހެވެ. އެހެންކަމުން މި ލިޔުމުގެ ތިރީގައި ޛުލްޙިއްޖާ މަހުގައި ކުރެވިދާނެ ބައެއް ޢަމަލުތަކާއި ޛުލްޙިއްޖާ މަހަށް އިސްތިގްބާލް ކުރެވިދާނެ ގޮތްތައް ބަޔާންކޮށްލާނަމެވެ 

· ތައުބާވުން: 

އިޚްލާޞްތެރި ތައުބާގެ ސަބަބުން ފާފަތަކާއި ނުބައި ޢަމަލުތަކުން ހިތް ސާފުވެގެންދެއެވެ. އެހެންކަމުން އެމީހަކަށް އަޅުކަންކުރުމާއި ހެޔޮ ޢަމަލުތައް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އިޚްލާޞްތެރި ތައުބާވުމަށް މާތްالله އެކަލާނގެ ފޮތް ކަމުގައިވާ ކީރިތި ގުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، إخلاص ތެރި توبة އަކުން، ތިޔަބައިމީހުން اللَّه އަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ إيمان ވިމީހުން، اللَّه ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ نور، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (8)"

· ފާފަތަކުންނާއި ނުބައި ޢަމަލުތަކުން ދުރުހެލިވުން:

ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހަކީ، الله މަތިވެރި ކުރައްވާފައިވާ ދުވަސްތަކެކެވެ. ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ)

މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"

· ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުން: 

ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަވަގުތު ހޭދަކުރުމާއި، އިސްތިޣްފާރުކޮށް ޒިކުރު ކުރުމާއި، ތަކްބީރުކުރުމާއި، ނަމާދުތައް އޭގެ ވަގުތުގައި ކުރުމާއި ދަމުނަމާދު ކުރުމާއި، ޛުލްޙިއްޖާ މަހުގެ ނުވަ ދުވަހު ރޯދަ ހިފުމާއި، މިސްކިތްތަކަށް ސަދަގާތް ކުރުމާއި ، ރަޙިމުގެ ގުޅުން ބެހެެއްޓުމާއި، އެހެނިހެން އަޅުކަންތައް ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.

 

މިއަދު އޮންލައިން