ހުޅުމާލޭގައި ވިހި ކްލާސްރޫމްގެ ސުކޫލެއް އެޅުމަށް ވިލާ އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހުޅުމާލޭގައި ވިހި ކްލާސްރޫމްގެ ސުކޫލެއް އެޅުމަށް ވިލާ އަށް!

ހުޅުމާލޭގައި 20 ކްލާސްރޫމްގެ ސުކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސަރވިސެސް ޕްރައިވެޓް ލިމިޓެޑްއަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް 1ގައެވެ. މި ސުކޫލުގައި 6 ފުލޯ ހުންނާނެއެވެ. އަދި ޖުމްލަ 761 ދަރިވަރުންގެ ޖާގައިގައި ހުންނަ މި ސުކޫލުގައި 20 ކްލާސްރޫމް ހުންނާނެއެވެ. މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ.

މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

މި ސުކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމާއި ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށް ވިލާއިން ބުނެއެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރެވުމުން 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކެއްވެސް އާންމުންނަށް ލިބިގެންދާނެއެވެ. 

 

މިއަދު އޮންލައިން