ޝައިޚް އާދަމް ނިޝާން ޢަލީ
ސެކިއުލަރ (ޢަލްމާނީ/ލާދީނީ) ވިސްނުމަކީ ދައުލަތް ވާންޖެހޭނީ އެއްވެސް ދީނެއް އަދި ދީނުގެ ޝިޢާރެއް ރަމްޒުކޮށް ނުދޭ ސެކިއުލަރ ނުވަތަ މަދަނީ ދައުލަތެއް (ސިވިލް ސްޓޭޓްއެއް) ކަމުގައެވެ.
އެމީހުން ޤަބޫލު ކުރާގޮތުން ދީން އޮންނަން ޖެހޭނީ ހަމައެކަނި މިސްކިތުގެ ހަތަރުފާރު ތެރޭގައެވެ. މުޖްތަމަޢުގެ އަދި ދިރިއުޅުމުގެ އެއްވެސް ކަމަކުން ދީނުގެ އަސަރެއް ކުލަވަރެއް ފެނިގެން ނުވާނެއެވެ.
މިރާއްޖޭގައި އިސްލާމީވަންތަކަމާއި، އިސްލާމީ ސިފަތައް ބާރުމިނުގައި ނެތި ގެއްލެމުން ދިޔަނަމަވެސް، އަދިވެސް ފިލައި ނުގޮސް މިތަނުގައި އިސްލާމީ ވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށް ދައްކުވައިދޭ އެއްކަމަކީ މިސްކިތްތަކުގެ ބަންގިއާއި، ނަމާދުގެ ޖަމާޢަތުގެ އަޑު މުޖްތަމަޢުގެ ތެރޭގައި ކޮންމެ ދުވަހަކު 5 ފަހަރު ގުގުމާލެވޭ ގުގުމާލުމެވެ.
މިކަން ނެތިކޮށްލަން ދުރާލައި ރޭވިގެން އެތައްކަމެއް މަޑުމަޑުން ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭރުންދެން މިސްކިތްތަކުގެ މުންނާރުތައް ތަޅާލައި މިސްކިތްތަކަށް އެރުންވެސް މަނާކޮށް، ނޫންނަމަ އާސާރީ ތަންތަނަށް ހަދައި ބަންދުކޮށްފައި ބެހެއްޓުމަށް މަގުފަހިވީއެވެ.
ވޭތުވެދިޔަ ބާރަ ތޭރަ ވަރަކަށް އަހަރު ތެރޭގައި އެކިރަށްރަށަށް އަޅުގަނޑުމެން ކުރި ދަތުރުތަކުން ވެސް މިފަދަ އެތައް ކަމެއް ވަނީ ތަޖުރިބާ ކުރެވިފައެވެ.
އެގޮތުން ފާހަގަ ކުރެވުނު އެއް ކަމަކީ ގެސްޓް ހައުސް ވިޔަވާރި ފުޅާކޮށް ހިންގާ ބައެއް ރަށްރަށުގެ މިސްކިތްތަކުގެ އަޑު މަޑުކޮށް، މިސްކިތުން ބޭރަށް، ނަމާދު ކުރާ އަޑާއި ދީނީ ދަރުސްތަކުގެ އަޑުވެސް ނުޖެއްސުމަށް އެދި މިވިޔަފާރީގައި އުޅޭ ބައެއް މީހުން ކުރަމުން ދިޔަ މަސައްކަތް ތަކެވެ. އަދި އެމީހުންގެ ނުފޫޒުން ބައެއް ރަށްރަށުގައި އެކަން ކޮށްފައިވެސް އެބަހުއްޓެވެ. ފަތުރުވެރިން ބިރުގަނެ، އުނދަގޫވެ، ހިތްހަމަ ނުޖެހި އުނދަގޫވެދާނެތީ ކަމަށް ބުނެއެވެ.
އަދި އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުން، މިރާއްޖޭގެ ބައެއް މުއްސަނދި ތަނަވަސް މީސްމީހުން މިތަނުގައި ބަންގި ގޮވާ އަޑުއިވޭތީ އެކަމާއި ރުޅިން، މާލޭގެ ގޯތި ގެދޮރު ވިއްކާލާ/ކުއްޔަށް ދީފައި ޔޫރަޕްގެ ބައެއް ޤައުމުތަކަށް ހިޖުރަކޮށް، ފްރާންސްފަދަ ޤައުމުތަކުގައި ވަޒަންވެރިވެގެންވެސް އެބައުޅެއެވެ.