ހުކުރުވިލޭރޭ މަސްތުވެފައި ހުކުރު ދުވަހު ނިދާ މީހަކަށް އޮތީ ކޮން ހުކުރުދުވަހެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ހުކުރުވިލޭރޭ މަސްތުވެފައި ހުކުރު ދުވަހު ނިދާ މީހަކަށް އޮތީ ކޮން ހުކުރުދުވަހެއް؟

މުސްލިމުންގެ ތެރެއިން ގިނަ ބައަކު މިހާރު ހުކުރު ދުވަސް ހަދާފައިވަނީ ނަޞާރާއިންގެ ޢާދީއްތަ ދުވަހަށެވެ. ހުކުރުވިލޭރެއަކީ މަސްތުވެ އުފާކުރާ ރެއަކަށެވެ. ހުކުރު ދުވަހަކީ އެ މަސްތުގައި ނިދައި އަރާމުކުރާ ދުވަހަކަށެވެ. އެހެންކަމަށްވުމުން އެފަދަ މީހުންނަށް ހުކުރު ދުވަހެއް ނެތެއް ނޫން ހެއްޔެވެ؟  

ހުކުރު ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްކަމުގައި ބުނެވެނީ އެކަމުގެ ސަބަބުތައް ގިނަކަމުންނެވެ. ހޮނިހިރު ދުވަހަކީ ޔަހޫދިންގެ ދުވަހެވެ. އާދީއްތަ ދުވަހަކީ ނަޞާރާއިންގެ ދުވަހެވެ. މުސްލިމުންގެ ދުވަހަކީ ހުކުރު ދުވަހެވެ.  

އާދަމްގެފާނު އުފެއްދެވީ ހުކުރު ދުވަހަކުއެވެ. ތައުބާ ޤަބޫލުކުރައްވަވައި ބިމަށް ފޮނުއްވެވުނީ ހުކުރު ދުވަހަކުއެވެ. ވީއިރު ހުކުރު ދުވަހަކީ ގިނަގިނައިން ތައުބާވެ ހެޔޮ އަމަލުތައް ކުރަންޖެހޭ ދުވަހަކަށް ނުހަދަންވީ ކީއްވެގެން ހެއްޔެވެ؟  

ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަހަކަށް ހަދާށެވެ! އެއިގެ މާނައަކީ ލިބޭ ޗުއްޓީ ދުވަސްކަމަށްވުމުން ޢާއިލީ ޒިންމާތައް ނުނަގައި މުޅި ދުވަހު އަޅުކަން ކުރުމުގައި އުޅުމެއް ނޫނެވެ. ޢާއިލީ ޒިންމާތައް ނެގުމަކީ ވެސް އަޅުކަމެކެވެ. ޢާއިލާ އާއިއެކު ވަގުތުތައް ހޭދަކުރުމަކީވެސް އަޅުކަމެކެވެ. ޢާއިލާއަށް އެހީތެރިވުމަކީވެސް އަޅުކަމެކެވެ.  

ވީމާ ހުކުރު ދުވަހަކީ އަނބިމީހާ ލައްވައި މެންދުރުވަންދެން ކައްކުވާފައި މެންދުރުވުމުން އެނދުންތެދުވެ އަނބިމީހާ ކެއްކި ތަކެތި ކާ ދުވަހަކަށް ނުހަދާށެވެ! ގޭގައި ޢާއިލާ އާއިއެކު ހުންނަން ލިބޭ ދުވަސްކަމަށްވުމުން ވީހައި ހެނދުނަކާ ތެދުވެ އަނބިމީހާއަށް އެހީތެރިވެދޭ ދުވަހަކަށް ހަދާށެވެ! އަނބިމީހާއަށް ނުކުރެވިހުރި ކަންކަން ކޮށްދޭ ދުވަހަކަށް ހަދާށެވެ!  

މިކަންކަމާއިއެކު ވީހައި ގިނައިން އަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ! ރަސޫލް ()ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާ ދުވަހަކަށް ހަދާށެވެ! ރަސޫލް () އާއި ޞަހާބީން އުޅުއްވެވިގޮތް ނަމޫނާއަކަށް ބަލާށެވެ! ހުކުރު ދުވަސް އައުމުން އެބޭކަލުން ތިއްބެވީ ހުކުރު ވަގުތު ޖެހެންދެން އަވަހާރަފުޅު ލައްޕަވާކަށް ނޫނެވެ. އެބޭކަލުން ދެމިތިއްބެވީ އެބޭކަލުންގެ މަސްއޫލިއްޔަތު އަދާކުރެއްވެވުމުގައެވެ.  

ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިއުޅެނީ ހުކުރު ވިލޭރެއިން ފެށިގެން ގޮސް ހުކުރު ދުވަހުގެ އިރު އޮއްސޭއިރު އެންމެ ކުޑަކިނުން ކަހްފި ސޫރަތް ކިޔަވައި ނެލިވިގެންނެވެ! ނަމަވެސް ދުނިޔަވީ އުފާތައް ހާޞިލުކުރަން ނުކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. އެހެންކަމާއިއެކުވެސް އެންމެންވެސް ޤިޔާމަތް ދުވަހުގެ އަލިކަން ވެސް ބޭނުންވެއެވެ.  

އެހެން ދީންތަކުގެ ތެރެއިން އިސްލާމުންގެ ތެރެއަށް ވަންނަމުން މިދާ ނުބައި އާދަކާއި ދުރުހެލިވާށެވެ! ހުކުރު ދުވަހުގެ ފައިދާ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ހެޔޮ ކަމުގެ ތިލަފަތަށް ބުރަވާނެ ކަމެއް ނޫން އެއްވެސް ކަމެއް ނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން