މުސްކުޅިކަމުން އެއްލައިލާ އަންހެނުން ފައިސާވެރިވާއިރަށް ޒުވާނުންނަށްވާ ފިރިހެނުންނަށް ޢިބްރަތަކަށް ފުދޭނެ ވާހަކައެއް-

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 50ސ
މުސްކުޅިކަމުން އެއްލައިލާ އަންހެނުން ފައިސާވެރިވާއިރަށް ޒުވާނުންނަށްވާ ފިރިހެނުންނަށް ޢިބްރަތަކަށް ފުދޭނެ ވާހަކައެއް-

އަހަރެމެންގެ ކައިވެންޏަށް 7 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާއަށް ތަނަވަސް ލޯބިވެރިއަކު ލިބުމުން އަހަރެމެން 3 މައިން ދޫކޮށްލާފައި ދަމުން ބުނީ ކައްކަންވެސް ނުއެނގޭ މުސްކުޅި އަންހެނަކާއި ކައިވެނިކޮށްގެން އުޅެން ބޭނުން ނުވާ ކަމަށެވެ. ހަމަ އެ ދަނޑިވަޅުގައި ބޮސްއަށް މާރީތި ޒުވާން އަންހެން ކުއްޖަކު ފެނުމުން އޭނާއަށް ވަޒީފާދޭންވެގެން އަހަރެން ވަޒީފާއިން ވަކިކޮށްލައިފިއެވެ. 

އެންމެ ބޮޑު މައްސަލައަކަށްވީ ގެ ހަދަން ނެގި ލޯނު ނުދެއްކި އޮތްކަމެވެ. ނަމަވެސް އެދަރަނި އޮތީ ބޭންކަކަށް ނޫނެވެ. ޒުވާން އެކުވެރިއަކަށެވެ. އެހެންވެ ލުޔެއް ދޭން އެދުމުން އިތުރު އެއްވެސް ޝަކުވާއެއް ނުކޮށް އޭނާ މުއްދަތުދިނެވެ. 

ލިބުނު މާޔޫސްކަންމަތީގައި ހުރެ އަހަރެންނަށް ހަމަ ކައްކަން ނުއެނގެނީކަން ޔަޤީންކޮށްލަން ބޭނުންވިއެވެ. ފުރަތަމަ ހަދަން ފޭށީ ހެދިކާއެވެ. ހަވީރު ހެދިކާ ހަދާފައި އަވަށްޓެރިންނަށް ސަޔަށް ދައުވަތުދެނީއެވެ. އެގޮތަށް 2 ހަފްތާއެއްހައި ދުވަހު ކަންތައް ކުރަންވާއިރަށް އަހަރެން ހަދާ ހެދިކާ މީރުވެގެން މީހުން އޯޑަރުދޭން ފަށައިފިއެވެ. އެވިޔަފާރި ފުޅައުވަމުން ގޮސް ގޭގައި ހެދިކާ ވިއްކާ ކުޑަވަރެއްގެ ކެފޭއެއް ހުޅުވައިފީމެވެ. ކެފޭގެ ވިޔަފާރި ފުޅައުވަމުންގޮސް ކުޑަވަރެއްގެ ރެސްޓޯރަންޓަކަށް ބަދަލުކުރެވުނެވެ. 

ލިބުނު ފައިސާއިން ފުރަތަމަވެސް އަދާކުރީ ދަރަންޏެވެ. އަހަރެން ކުރާ މަސައްކަތާއި ފައިސާ ހޯދިގޮތް އެނގުމުން ލޯނުދިން ޒުވާނާ ގިނަގިނައިން ރެސްޓޯރަންޓަށް ކާން އަންނަން ފަށައިފިއެވެ. ދުވަސްކޮޅަކުން އަހަރެންނާއި ގުޅެން ބޭނުންވެއްޖެއެވެ. އަހަރެންނަށްވުރެ ހަގު ޒުވާނަކާއި ކައިވެނިކުރުމަކީ ރަނގަޅު ކަމަކަސް ނުވެދާނެކަން އެނގިހުރެވެސް ކައިވެނިކުރީމެވެ. އެއީ ފިރިމީހާ އަހަރެން ވަރިކުރަމުން އަހަރެން މުސްކުޅިކަމުން ކުރިމަލާމާތަށް ބަދަލުހިފުމުގެ ބޭނުމުގައެވެ. އަދި ކޮންމެ ގޮތަކަށް ކަންކަން މެދުވެރިވިނަމަވެސް އަހަރެންނަށްވުރެ ތަނަވަސް މީހަކާއި އިނދެގެން ލިބޭނެ ގެއްލުމެއް އޮންނާނެކަމަށް ޤަބޫލުނުކުރެވޭތީ ކައިވެނިކުރީއެވެ. 

ކައިވެންޏަށް އަހަރުވެސް ނުފުރެނީސް ފިރިމީހާއަންނަން ފަށައިފިއެވެ. ބުނީ ދަރިން ދަކޮށްލާފައި ދުރުގައި ހުންނަން އުނދަގޫވީމާ އަލުން ގުޅެން ބޭނުންވަނީ ކަމަށެވެ. އަހަރެން ބުނީމެވެ. "ދަރިންނަސް ބޯހިޔާވަހިކަންދޭން ނެގި ދަރަނި ބޮލުގަ އަޅުވާފައި އަހަރެން މުސްކުޅިކަމުން ދޫކޮށްލާފައި ގޮސްފައި އަހަރެންގެ މަސައްކަތުން ދަރަނި އަދާކޮށް ތަނަވަސްކަންވެސް ލިބުމުން އެނބުރި ތިއައައީ މިހާރު އަހަރެން ޒުވާންވީމަ ހެއްޔެވެ؟ ކަލޭ އެއަންހެނެއްގެ ފަހަތުން ދިއަ އަންހެން މީހާ އަހަރެން ދަންނަމެވެ. ކަލޭ މާފަޤީރުކަމަށް ބުނެ އޭނާ ކަލޭ ދޫކޮށްލާފައި ދިއަކަންވެސް އެނގެއެވެ. 

އަހަރެން މުސްކުޅިވެގެން ދޫކޮށްލާފައި ކަލޭ ދިއަކަން ވީ އަހަރެންގެ ނަޞީބަކަށެވެ. ކަލެއަސްވުރެ މާޒުވާން މާތަނަވަސް ފިރިއަކުވެސް ލިބުނީއެވެ. އަދި އަމިއްލައަށް މިވަނީ ތަނަވަސް އަންހެނަކަށްވެސް ވެވިފައެވެ.. ވީމާ އަހަރެން ދޫކޮށްލާފައި ދިއަކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ތިއަ ބާވަތުގެ ވާހަކަތައް ދައްކަން ދެން ނުއަންނާށެވެ! ނަމަވެސް މީރުނޫންކޮށް ކާލަން ބޭނުމިއްޔާ ރެސްޓޯރަންޓަށް ކާން އަންނާށެވެ. ހިލޭ ކާންދޭނަމެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅު މިވާހަަކ ސަޅި ނޫންހެއްޔެވެ؟ އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް ކަންކަން މެދުވެރިވި އަންހެނަކީމެވެ. މިވާހަކަ މިއަދުނޫހުގައި ޝާއިޢު ކުރުވަން ބޭނުންވީ ލަނޑުދިން ފިރިމީހާއަށް ޓެގްކޮށްލާށެވެ. މިފަދަ ގޮތަކަށް ދިމާވެފައި ތިބި އެހެން ކިޔުންތެރިންވެސް ލަނޑުދިން މީހާއަށް ޓެގްކޮށްލާށެވެ. މުސްކުޅި އަންހެނުންނަށް ފައިސާ ލިބުނީމާ ޒުވާނުންގެ ގޮތުގައި ފެންނަ ފިރިހެނުންނަށް ފިލާވަޅުދޭން އެބަ ޖެހެއެވެ. 

- އަޒީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން