އޭޝީއާ ޔުނިވަރސިޓީތަކުގެ ބައްދަލުވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރގެ ބައިވެރިވެވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
އޭޝީއާ ޔުނިވަރސިޓީތަކުގެ ބައްދަލުވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރގެ ބައިވެރިވެވަޑައިގެންފި

17 މާރިޗު 2022 އިން 23 މާރިޗު 2022 އަށް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ކުރިއަށްދިޔަ ޔުނިއަން އޮފް އެފްރޯ- އޭޝީއާ ޔުނިވަރސިޓީތަކުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި އެފްރޯ- އޭޝިއާ ޔުނިވަރސިޓީތަކުގެ ބާރަވަރަކަށް ތަޢުލީމީ މުއައްސަސާތަކާއި ޔުނިވަރސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބުނެފައިވަނީ ޔުނިއަން އޮފް އެފްރޯ- އޭޝީއާ ޔުނިވަރސިޓީތަކުގެ މި ބައްދަލުވުންތަކުގައި ޔޫނިއަން އޮފް އެފްރިކަން އޭޝިއަން މުސްލިމް ޔުނިވަރސިޓީތަކުގެ ކަރިކިއުލަމް އަކީ ބަދަލުވަމުންދާ ދުނިޔޭގެ ހާލަތާއި މައްސަލަތަކަށް އަމާޒުވާ ކަރިކިއުލަމް އަކަށް ހެދުމާ ބެހޭގޮތުން އަދި މި ޔުނިވަރސިޓީތަކުން ނުކުންނަ ދަރިވަރުންގެ ކިބައިގައި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އިތުރުކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވު ކަމަށާއި އޭގެއިތުރުން، އެފްރިކަން އޭޝިއާ ޔުނިވަރސިޓީތަކުގައި ކިޔަވައިދެވޭ މަންހަޖަކީ ފައިދާހުރި ޢިލްމާއި އިސްލާމީ ޝަރީޢަތުގެ ދެ އަސްލުކަމުގައިވާ ޤުރްއާނާއި ސުންނަތުގެ މައްޗަށް ބިނާވެގެންވާ އިންޓެގްރޭޓެޑް ކަރިކިއުލަމް އެއް އެކުލަވާލުމާއި އަދި އެ މަންހަޖު ކިޔަވައިދިނުމަށްޓަކައި ލެކްޗަރާރުން ތަމްރީނުކުރުމުގެ ސްޓްރެޓެޖީއެއް އެކަށައެޅުމާ ބެހޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެއްވިކަމަށެވެ.

މި ބައްދަލުވުންތަކުގެ ހަވާސާގައި އެފްރޯ- އޭޝިއާ ޔުނިވަރސިޓީތަކުގެ ޔުނިއަންއާއެކު ފަހުމުނާމާގައި ސޮއިކުރެވިގެންވެސް ދިޔައެވެ. މި ފަހުމުނާމާގެ ދަށުން އެފްރޯ- އޭޝިއާ ޔުނިވަރސިޓީތަކުގެ ދެމެދުގައި ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެއެވެ. ވަކިން ޚާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގިގެންދިޔުމާއި ޓްރެއިނިންގ ސެޝަންސް އަދި ސެމިނާރ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދިޔުމާއި އަދި ހަމަ އެހެންމެ ފަހުމުނާމާގައި ސޮއިކުރެއްވި އެފްރޯ- އޭޝިއާ ޔުނިވަރސިޓީތައް ގުޅިގެން ރިސާޗް ޕްރޮޖެކްޓްތަށްވެސް ހިންގިގެންދާނެއެވެ.

ވައިސް ޗާންސެލަރ ގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގައި ނަވާރަވަނަ ޤަރުނުގެ މެދުތެރޭގައި ފެތުރެމުން ދިޔަ އިލްޙާދީ ފިކުރުތަކާ ދެކޮޅަށް ޖިހާދުކުރެއްވި ސައީދު އަލްނޫރުސީ ގެ ޒިކުރާ އާ ކުރުމަށް ބޭއްވުނު ތުރުކީގެ ޤައުމީ ފެންވަރުގެ ޖަލްސާއެއްގައި އައި.ޔޫ.އެމް ގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ތަގުރީރުކުރެއްވި އެވެ. ވައިސް ޗާންސެލަރ ގެ ތަގުރީރުގައި ސައީދު ނޫރުސީ އިލްހާދީ ފިކުރުތައް ހުއްޓުވުމަށްޓަކައި ކުރެއްވި ޖިހާދީ މަސައްކަތްތަކާބެހޭ ދިރާސާތައް އައި.ޔޫ .އެމްގައި ކުރިއަށް ގެންދިއުމުގެ ހިޔާލުފުޅުކުރައްވާކަމުގައި ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގައި ވައިސް ޗާންސެލަރ ގެ އިތުރުން އައި.ޔޫ.އެމް ޗާންސެލަރ ބިއުރޯގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޔާނިއު ހާޝިމް ވެސްބައިވެރި ވެވަޑައިގެންނެވިއެވެ.

 

 

 

މިއަދު އޮންލައިން