ތަނަވަސްކަން ނެތިވެސް ރަމަޟާން މަހު ޢާއިލާއަށް އެހީތެރިވަމުން އައި މީހަކު މިލިއަނުން ވިޔަފާރިކުރާ ވިޔަފާރިވެރިއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ތަނަވަސްކަން ނެތިވެސް ރަމަޟާން މަހު ޢާއިލާއަށް އެހީތެރިވަމުން އައި މީހަކު މިލިއަނުން ވިޔަފާރިކުރާ ވިޔަފާރިވެރިއަކަށް!

ކަންދިމާވިގޮތުން މިއަހަރުގެ ރަމަޟާން މަސް ގިނަ ބައަކަށް މިފެށެނީ ވަރަށް އުފާވެރި ގޮތަކަށެވެ. އަތްމަތި ތިޔާގިކަމާއިއެކުގައެވެ. މިހަފްތާގެ ކުރީ ކޮޅު ގިނަ ބައަކަށް ރޯދަ އެލަވަންސް ލިބޭނެއެވެ. ހަފްތާގެ ފަހުކޮޅު މަހުގެ މުސާރަވެސް ލިބޭނެއެވެ. 

ވީމާ ޝައިޚްގެ މިބަސްފުޅަށް ސަމާލުކަންދޭށެވެ! 

ރަމަޟާން މަހަކީ ގިނަ ބައަކަށް ޚަރަދު ބޮޑު މަހެކެވެ. އެހެންކަމުން އިތުރު ފައިސާ ހޯދަން ޖެހެއެވެ. ޚަރަދުކުރަންވެސް ޖެހެއެވެ. އެހެންކަމުން ފައިސާ ހޯދުމުގައިވެސް މިކަމަށް ސަމާލުކަން ދޭށެވެ. ފައިސާ ހޯދަން ރިބާ ހިމެނޭ ލޯނު ނުނަގާށެވެ. ކްރެޑިޓް ކާޑުން ތަކެތި ގަތުމުން އިތުރަށް ފައިސާ ދޭން ޖެހޭނަމަ އެކަންވެސް ނުކުރާށެވެ. އެއީ ވެސް ހަމަ ރިބާއެވެ. 

ރަމަޟާން މަހުވެސް ތިމާއަށް ލިބޭ މިންވަރަކުން ޚަރަދުކުރާށެވެ. އަނބިދަރިންނަށްވެސް އެކަން ވިސްނައިދޭށެވެ. ރޯދައިގެ ސަވާބު އިތުރުވަނީ މީރުކޮށް ކެއުމަކުން ނޫނެވެ. އަޅުކަން ކުރުން އިތުރުކުރިވަރަކުންނެވެ. ވީމާ މީރު ތަކެތި ކެއުމަށްޓަކައި ދަރަނިވެރި ނުވާށެވެ. އަތުގައި ހުރި މިންވަރުން ފުއްދާށެވެ. ކިރިޔާވެސް ބަނޑުފުރާނަ މުއްތި ކުރެވޭނަމަ އެހެން މީހުންނަށް ސަލާން ނުޖަހާށެވެ. ކަންކަމު ނުކިޔާށެވެ. ރޯދަ މަސް ކަމަށްބުނެ މީސް މީހުންގެ އަތުން ފައިސާ އާއި ތަކެތި ނުހޯދާށެވެ. 

ރިޒްޤަށް އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ދެއްވަވާނެތެވެ. ދެއްވެވި މިންވަރަށް ޝުކުރުކުރާށެވެ. އެއިރުން ދާނީ ހުރިހާ ކަމެއްވެސް ފުރިހަމަވަމުންނެވެ. 

ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ! އެއީ ކުރިން މިބުނި ފަދައިން ރަމަޟާންމަހަކީ ޚަރަދު ބޮޑު މަހަކަށް ނުހަދައި ވީހައި ޚަރަދުކުދަކުރަން މަސައްކަތްކުރުމުގެ ވާހަކައެވެ. އަހުރެން އަދިވެސް ބުނާނީ ކުރެވެން އޮތް އެންމެ ބޮޑަކަށް ޚަރަދުތައްކުޑަކުރާށެވެ! އަދި ޞަދަޤާތްދިނުން އިތުރުކުރާށެވެ! 

ﷲ ތަޢާލާ އަހަރެމެން ހިފާ ރޯދައަށް ޘަވާބު ދެއްވަވާނީ މީރުތަކެތި ކައިބޮއިހެދިވަރަށް ބައްލަވައިގެނެއް ނޫނެވެ! ކުރިއަޅުކަމަށް ބައްލަވައިގެންނެވެ! އެގޮތުން ބަލައިފިނަމަ ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ޞަދަޤާތްކުރުން އިތުރުކުރުމެވެ.  

އަހުރެން ހަމަ ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. މިބުނަނީ އަހުރެން ވަރަށް ރަނގަޅަށް ދަންނަ މީހެއްގެ ވާހަކައެވެ. ދާދިފަހަކާއި ޖެހެންދެން ޢޭނާއަކީ އެހައި އަތްމަތި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އޭނާ ކޮންމެ ރަމަޟާން މަހަކުވެސް އޭނާގެ އަޚުންނަށް އޭނާއަށް ފޯރުކޮށްދެވެން އޮތްވަރަކުން އެހީތެރިކަން ފޯރުކޮށްދެއެވެ.  

އެކަމުގެ ނަތީޖާ މިދުނިޔޭގައިވެސް އޭނާއަށް ދައްކަވައިފިއެވެ. މިހާރު އޭނާއަކީ ކޮންމެ މަހަކުވެސް މިލިއަނުން ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ. އެތައް ބައަކު ގޮވައިގެން މަސައްކަތްކުރާ މީހެކެވެ. މިލިއަނަރަކަށް އަދި ނުވިނަމަވެސް އަމިއްލައަށް ފުދިގެން ދިރިއުޅޭ މީހެކެވެ.  

ހޯދާ ބަލައިފިނަމަ މިފަދަ އެތައް މިސާލުތަކެއް ފެންނާނެއެވެ! ޢިބްރަތް ޙާޞިލްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން