ރަމަޟާން މަސް ގާތްވަނީ! ދަމުނަމާދުގަ ކިޔާނެ ރަނގަޅު ދުޢާއަކަށް ޑރ. ޝަހީމް ކުރެއްވި ދުޢާ ހޯއްދަވާ ބޭފުޅުންނަށް މިއޮތީ އެދުޢާ! އަވަހަށް ފަރިތަކުރައްވާ! ‍|ފުރަތަމަ ބައި|

މިއަދު
ކިޔުމަށް ހޭދަވާނީ 23މ
ރަމަޟާން މަސް ގާތްވަނީ! ދަމުނަމާދުގަ ކިޔާނެ ރަނގަޅު ދުޢާއަކަށް ޑރ. ޝަހީމް ކުރެއްވި ދުޢާ ހޯއްދަވާ ބޭފުޅުންނަށް މިއޮތީ އެދުޢާ! އަވަހަށް ފަރިތަކުރައްވާ! ‍|ފުރަތަމަ ބައި|

ރަމަމާން މަސް ގާތްވަމުން އަންނާތީ ދަމުނަމާދުގައި ކިޔާނެ ރަނގަޅު ދުޢާޢަކަށް ގިނަ ބައަކު ދަނީ އެދެމުންނެވެ. ގިނަބޭފުޅުން ބޭނުންފުޅުވަނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވެވި ދުޢާއެވެ. އެއީ އެދުޢާއަކީ ވަރަށް ފުރިހަމަ ދުޢާއަކަށްވުމުގެ އިތުރުން ޑރ. ޝަހީމް ގިނަ އަހަރުތަކެއްގައި ވިދާޅުވެފައިވުމުން ގިނަ ބައަކު ފަރިތަ ދުޢާއަކަށްވުމުން ކަމަށްވެސް ވެދާނެއެވެ.  

ކުރިއާލައި ދުޢާ މިގެނެސްދެނީ ފަރިތަކޮށްލެއްވުމަށެވެ. ހިތުދަސްނުކުރެއްވޭ ބޭފުޅުންނަށް ބައްލަވައިގެންވެސް ވިދާޅުވެވޭނެއެވެ. ވީމާ ކުރިއާލައި ފަރިތަކޮށްލައްވާށެވެ! އަދި ާންވެސް ހިތްމައްޗަށް ގެންނަވަން މަސައްކަތްކުރައްވާށެވެ!  

ޑރ. ޝަހީމްގެ ބަސްފުޅާއި ދުޢާ:  

ތިރީގައި ބަޔާންވެގެން އެވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދަމު ނަމާދުގެ ވިތުރީގައި އިސްލާމީ މަރުކަޒުގައި ވޭތުވެ ދިޔަ އަހަރުތަކުގައި އަޅުގަނޑު ކިޔަމުން އައި ދުޢާއާއި އޭގެ ދިވެހި މާނަ އެވެ. އެ ދުޢާތަކުގެ ތެރޭގައި ވަނީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކެވެ. ވަރަށް ގިނަ އަޚުންނާއި އުޚުތުން އެދިވަޑައިގަންނަވާތީ މި ދުޢާތައް މާނައާ އެކު ޙިއްސާކޮށްލުމަކީ ލިބޭ އުފަލެކެވެ. ތިޔަ ބޭފުޅުންގެ ހެޔޮ ދުޢާއަށް އެދެމެވެ. 

دعاء القنوت:
اَللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَاْلأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَاْلأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ

މާނައީ: اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔައިލާހަށް ގިނަގުނަ ޙަމްދާއި ސަނާ ދަންނަވަމެވެ. ތިޔައީ އުޑުތަކާއި ބިމާއި އެތަންތާނގައިވާހާ މަޚްލޫޤުން އުފައްދަވައި، ގެންގުޅުއްވައި، ބަލަހައްޓަވާ އިލާހެވެ. ތިޔައިލާހަށް ގިނަގުނަ ޙަމްދާއި ސަނާ ދަންނަވަމެވެ. އުޑުތަކާއި ބިމާއި އެތަންތާނގައިވާހާ މަޚްލޫޤުން މިލްކުވެ ވޮޑިގެންވަނީ ތިޔައިލާހަށެވެ. ތިޔައިލާހަށް ގިނަގުނަ ޙަމްދާއި ސަނާ ދަންނަވަމެވެ. އުޑުތަކާއި ބިމާއި އެތަންތާނގައިވާހާ މަޚްލޫޤުންނަށް ހިދާޔަތުގެ ނޫރުން ނޫރުދެއްވައި މަގުދަކަވަނީ ތިޔައިލާހެވެ. ތިޔައިލާހަށް ގިނަގުނަ ޙަމްދާއި ސަނާ ދަންނަވަމެވެ. އުޑުތަކާއި ބިމާއި އެތަންތާނގައިވާހާ މަޚްލޫޤުންގެ ވެރިފަރާތަކީ ތިޔައިލާހެވެ. ތިޔައިލާހަށް ގިނަގުނަ ޙަމްދާއި ސަނާ ދަންނަވަމެވެ. ތިޔައީ ޙައްޤުއިލާހެވެ. ތިޔައިލާހުގެ ވަޢުދާއި ޢަހްދަކީ ޙައްޤު ތެދުބަސްފުޅެވެ. ތިޔައިލާހުގެ ޙަޟުރަތަށް ގޮސް ތިޔައިލާހާ ކުއްތަންވުމަކީ ޙައްޤުތެދުކަމެކެވެ. ތިޔައިލާހުގެ ވަޙީބަސްފުޅުތަކަކީ ތެދުބަސްފުޅެވެ. ސުވަރުގެއަކީ ތެދު އެއްޗެކެވެ. ނަރަކައަކީ ޙައްޤު ތެދު އެއްޗެކެވެ. އެންމެހާ ނަބިއްޔުންނީ ތެދުބޭކަލުންނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ތެދުބޭކަލެކެވެ. ޤިޔާމަތް ދުވަހަކީ ޙައްޤުތެދު ދުވަހެކެވެ. 

اللَّهُمَّ لَكَ أَسْلَمْناَ، وَبِكَ آمَناَّ، وَعَلَيْكَ تَوَكَّلْناَ، وَإِلَيْكَ أَنَبْناَ، وَبِكَ خَاصَمْناَ، وَإِلَيْكَ حَاكَمْناَ، فَاغْفِرْ لَناَ مَا قَدَّمْناَ وَمَا أَخَّرْناَ، وَمَا أَسْرَرْناَ وَمَا أَعْلَناَّ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔައިލާހުގެ އަމުރުފުޅުތަކާއި ނަހީތަކަށް އަޅަމެން ކިޔަމަންވެ ތަބާވަމެވެ. ތިޔައިލާހުގެ އަމުރުފުޅުތަކާއި ނަހީތައް ތެދުކޮށް ޤަބޫލުކުރަމެވެ. އަޅަމެންގެ އެންމެހައި ކަންތަކެއް ތިޔައިލާހުގެ ޙަޟުރަތާ ޙަވާލުކޮށް ތިޔައިލާހަށް ވަކީލު ކުރަމެވެ. ތިޔައިލާހުގެ ޙަޟުރަތުގައި އަޅަމެންގެ ދިރިއުޅުމުގެ ކަންތަކުގައި ތަދްބީރު ކުރެއްވުމަށް އެދިދަންނަވަމެވެ. އަޅަމެންގެ އެންމެހައި ކަންތަކެއް ހިންގަވައި ތަޤްދީރު ކުރެއްވުމަށް އެދިދަންނަވަނީ ވެސް ތިޔައިލާހުގެ ޙަޟުރަތުގައެވެ. ފަހެ އަޅަމެންގެ ފާފަ ފުއްސަވާނދޭވެ. އަޅަމެން އިހުގައި ކޮށްފައިވާ ފާފަތައް ވިއަސް، ފަހުގައި ކުރާނެ ފާފަތައް ކަމުގައިވިއަސް، ސިއްރުން ކުރެވޭ ފާފަތައް ކަމުގައިވިއަސް، ފާޅުގައިކުރެވޭ ފާފަތައް ކަމުގައި ވިއަސް އެވެ. ތިޔައީ އެންމެ އިސްވެ ވޮޑިގެންވާ ފަރާތެވެ. އަދި އެންމެ ފަސްވެ ވޮޑިގެންވާ، އަބަދަށް ދެމިވޮޑިގެންވާ ފަރާތެވެ. ތިޔައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. ހުރިހާ އާރަކާއި ބާރެއްވަނީ ﷲ އަށް މިލްކުވެ ވޮޑިގެންނެވެ. ތިޔައީ ހުރިހާ އެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ. 

اَللَّـهُمَّ اهْـدِنَا فِيمَنْ هَـدَيتَ، وَعَافِـنَا فِيمـَنْ عَافَـيْتَ، وَتَوَلَّنَا فِيْمَنْ تَوَلَّيتَ، وَبَارِكْ لَنَا فِيمَا أَعْطَيْتَ، وَقِـنَا شَـرَّ مَا قَضَيتَ، إِنَّكَ تَقْضِي وَلاَ يـُقْضَى عَلَيكَ، إِنَّهُ لاَ يَذِلُّ مَنْ وَالَيتَ، وَلاَ يَعِـِـزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَـالَيتَ، لَكَ الْحَمْدُ عَلَى مَا قَـضَيتَ، وَلَكَ الشُّكْرُ عَلى مَا أَعْـطَيتَ، نَسْتَغْـفِـُركَ اللَّـهُمَّ مِنْ جَمِيْعِ الذُّنُوبِ وَالْخَطَـايَا وَنَتُوبُ إِلَيْكَ.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔަ އިލާހު ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި އަޅަމެންނަށް ތެދުމަގު ދައްކަވައިފާނދޭވެ! އަދި ތިޔަ އިލާހު ސަލާމަތުން ލެހެއްޓެވި މީހުންގެ ތެރޭގައި، އަޅަމެން ސަލާމަތުން ލަހައްޓަވާނދޭވެ! އަދި ތިޔަ އިލާހު އެހީތެރިވެ ވޮޑިގަތް މީހުންގެ ތެރޭގައި އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާނދޭވެ. އަދި ތިޔަ އިލާހު އަޅަމެންނަށްދެއްވި ތަކެތީގައި ބަރަކާތް ލައްވައިފާނދޭވެ. އަދި ތިޔަ އިލާހު މިންވަރުކުރައްވާފައިވާ ނުބައި ގޮތްތަކުން އަޅަމެން ދިންނަވާނދޭވެ! ފަހެ ހަމަކަށަވަރުން މިންވަރުކުރައްވަނީ ތިޔަ އިލާހެވެ. ތިޔަ އިލާހުގެ ޙުކުމްފުޅުގެ މައްޗަށް އެކަކަށް ވެސް މިންވަރު ނުކުރެވޭ ހުއްޓެވެ. އަދި ހަމަކަށަވަރުން ތިޔަ އިލާހު އެހީތެރިވެ ވޮޑިގެންފި މީހަކު ނިކަމެތިވެގެން ނުދާ ހުއްޓެވެ. އަދި ތިޔަ އިލާހު ނިކަމެތި ކުރައްވަން އިރާދަކުރެއްވި މީހަކު ޢިއްޒަތްތެރި ނުވާ ހުއްޓެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ތިޔަ އިލާހުގެ މަތިވެރި ކަމާއި ހުސްޠާހިރުވަންތަ ކަމާއެވެ. ފަހެ، ތިޔަ އިލާހު މިންވަރުކުރައްވާފައިވާ ގޮތަކާމެދު، ތިޔަ އިލާހުގެ ޙަޟްރަތަށް ޙަމްދުސަނާ ހުއްޓެވެ. އަދި ތިޔައިލާހުގެ ދެއްވި ރޯދިބަރަކާތްތަކަށް ގިނަގުނަ ޝުކުރު ދަންނަވަމެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އެންމެހައި ފާފަތަކާއި ކުށްތައް ފުއްސަވާނދޭވެ. ތިޔަ އިލާހުގެ ޙަޟްރަތަށް އަޅަމެން ތައުބާވެ، ފުއްސަވައިދެއްވުމަށް ދަންނަވަމެވެ.

اَللَّهُمَّ أَقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُوْلُ بِهِ بَيْنَنَا وَبَينَ مَعْـصِيَتَكَ، وَمِنْ طَاعَـتِكَ مَا تُبَلِّـغُــنَا بِهِ جَنَّتَـكَ، وَمِنَ الْيَقِـيْنِ مَا تُهَـوِّنُ بِهِ عَـلَينَا مَصَائِبَ الدُّنْيَا، وَمَتِّـعْـنَا اللَّهُمَّ بِأَسْمَاعِـنَا وَأَبْصَارِنَا وَقُـوَّاتِـنَا مَا أَبْقَـيتَنَا، وَاجْعَـلْهُ الوَارِثَ مِنَّـا وَاجْعَـلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَـلْ مُصِيبَـتَـنَا فِي دِيـنِنَا، وَلاَ تَجْعَـلِ الدُّنْيَا أَكْبَرَ هَـمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ إِلىَ النَّارِ مَصِيرَنَا، وَاجْعَـلِ الْجَنَّةَ هِيَ دَارَنَا، وَلاَ تُسَلِّطُ عَـلَيْنَا بِذُنُوبِـنَا مَن لاَّيَخَافُـكَ فِينَا وَلاَ يَرْحَمُـنَا

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންނާއި ތިޔަ އިލާހު މަނާކުރައްވާފައިވާ އުރެދުންތަކާ ދެމެދު ފަރުދާއެއް ކަމުގައި އަޅަމެންގެ ހިތްތަކުގައި ތިޔަ އިލާހަށް ބިރުވެތިކަން ލައްވާނދޭވެ! އަދި ތިޔަ އިލާހަށް ކިޔަމަންތެރި ވުމަކީ އެކަމުގެ ޒަރިއްޔާއިން ތިޔަ އިލާހުގެ ސުވަރުގެ އަޅަމެނަށް ނަސީބުކުރަށްވާ ކަމެއް ކަމުގައި ލައްވާނދޭވެ! އަދި ދުނިޔޭގައި އަޅަމެންގެ މައްޗަށް ފާވަމުންދާ މުޞީބާތަކީ ތިޔަ އިލާހުގެ ކުޅަދުންވަންތަ ކަމުން، ތަޤްދީރުގައި ނިޔާ ކުރެވިގެންވާ ކަމެއް ކަމާމެދު އީމާންވެ ހިތުގައި ޔަޤީންކަން ލަހައްޓަވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ދިރިދެމި ތިބިހާ ހިނދަކު އަޅަމެންގެ އިވުމާއި ފެނުމާއި ހަށިގަނޑުގެ ހަކަތަ ލަހައްޓަވައި އެހިއްސުތަކުން ތިޔައިލާހަށް ކިޔަމަންތެރި ކަމާއެކު ފައިދާ ލިބޭގެ ގޮތް ލައްވާނދޭވެ! އަދި އަޅަމެން މަރުވަންދެން ޞައްޙަ ސަލާމަތުން އެތަކެތި ލަހައްޓަވާނދޭވެ! އަޅަމެންގެ މައްޗަށް އަނިޔާވެރިވީ ބައެއްގެ ފަރާތުން ބަދަލު ހިފުމުގެ އެދުން އަޅަމެންގެ ކިބައިގައި ނުލައްވާނދޭވެ! އަޅަމެންގެ ތެރޭން އަޅަމެންގެ ދީނަށް ޙުރުމަތްތެރިކޮށް ނުހިތާ މީހުންނާހެދި އަޅަމެންނަށް މުޞީބާތެއް ނުޖައްސަވާނދޭވެ! އަދި ދުނިޔޭގެ މުދަލާއި ޖާހަކީ އަޅަމެންގެ އެންމެ ބޮޑު މަޤްޞަދު ކަމުގައްޔާއި އަޅަމެން ނަރަކައަށް ދާންޖެހޭ ސަބަބެއް ކަމުގައްޔާއި އަޅަމެންގެ ޢިލްމާއި ފިކުރުގެ އިންތިހާ ކަމުގައި ނުލައްވާނދޭވެ! ސުވަރުގެ އަކީ އަޅަމެންގެ ގޯތި ކަމުގައި ލައްވާނދޭވެ! އަޅަމެންނަށް ކުރެވޭ ފާފަޔާ ހުރެ، ތިޔަ އިލާހަށް ބިރުވެތިނުވާ، އަޅަމެންނަށް އޯގާތެރިވުމެއް ނެތް ވެރިން އަޅަމެންގެ މައްޗަށް ފާނުކުރައްވާނދޭވެ!

اللَّهُمَّ أَصْلِحْ لَنَا دِينَنَا الَّذِي هُوَ عِصْمَةُ أَمْرِنَا وَأَصْلِحْ لَنَا دُنْيَانَا الَّتِي فِيهَا مَعَاشُنَا وَأَصْلِحْ لَنَا آخِرَتَنَا الَّتِي فِيهَا مَعَادُنَا وَاجْعَلِ الْحَيَاةَ زِيَادَةً لَنَا فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لَنَا مِنْ كُلِّ شَرٍّ

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ދެދުނިޔޭގެ އަބުރާއި ކަރާމާތުގެ ގޮތުގައި ތިޔައިލާހު ލައްވާފައިވާ އިސްލާމް ދީން އަޅަމެންނަށްޓަކައި ލުއި ފަސޭހަ ކުރައްވާނދޭވެ! އަދި އަޅަމެން ދިރިއުޅެމުން މިދާ ދުނިޔެއިން އަޅަމެންނަށް އުފަލާއި ހަމަޖެހުން ދެއްވާނދޭވެ! އަދި އަޅަމެން ދާންއޮތް އުޚްރަވީ ދުނިޔެ ވެސް އަޅަމެންނަށް ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި ލައްވާނދޭވެ! އަދި ދިމާވާ ކޮންމެ ހެއުކަމެއް ކުރުމަށް ތައުފީޤު ދެއްވައި، އަޅަމެންގެ ދިރިއުޅުން އިތުރު ކުރައްވާނދޭވެ! އަދި ފާފައާއި ގެއްލުންދެނިވި ނުބައި ކަމާ ދިމާވެއްޖެނަމަ އެއަށްވުރެން މަރު ހެއުއެއްޗެއް ކަމުގައި ލައްވާނދޭވެ!

اَللَّهُمَّ إِنَّا نَسْأَلـُكَ فِعْـلَ الْخَيْرَاتِ، وَتَرْكَ الْمُنْكَرَاتِ، وَحُبَّ الْمَسَاكِينِ، وَأَنْ تَغْـفِـرَ لَنَا وَتَرْحَمَنَا وَتَتُوبَ عَلَيْنَا، وَإِذَا أَرَدتَّ بِقَـوْمٍ فِـتْنَةً فَـتَوَفَّـنَا غَـيْرَ مَفْـتُونِينَ، وَنَسْأَلُكَ حُبَّـكَ، وَحُبَّ مَنْ يُحِـبُّكَ، وَحُبَّ عَـمَلٍ يُقَـرِّبُنَا إِلَى حُـبِّـِك، يَا رَبَّ الْعَــالَمِـينَ .

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ހެއު ކަންތައް ކުރުމަށާއި މުންކަރާތްތަކުން ދުރުހެލިވުމަށާއި ނިކަމެތިންގެ ފަރާތުން ރުހުމާއި ލޯބި ލިބުމުގެ ތައުފީޤު ދެއްވުން އެދި ތިޔަ އިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ. އަދި އަޅަމެންގެ ފާފަ ފުއްސެވުމާއި އަޅަމެންނަށް އޯގާތެރިވެ ވޮޑިގަތުމާއި އަޅަމެންގެ ތައުބާ ޤަބޫލުކުރެއްވުން އެދިވެސް ދަންނަވެމެވެ. ބަޔަކަށް މުޞީބާތެއް ޖައްސަވަން އިބަ ރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ، އެފިތުނައިގައި އަޅަމެން ނުޖައްސަވާ އަޅަމެން މަރުގަންނަވާނދޭވެ! އަދި އަޅަމެން ތިޔަ އިލާހުގެ ލޯތްބާއި ތިޔަ އިލާހު ދެކެ ލޯބިވާ މީހުންގެ ލޯތްބާއި ރުހުމާއި ތިޔަ އިލާހުގެ ލޮބުވެތިކަން ލިބުމުގައި ތިޔަ އިލާހުގެ ޙަޟުރަތަށް ކުއްތަން ވެވޭފަދަ ޢަމަލުތަކަށް ރުހި އެކަންކަން ކުރުމުގެ ތައުފީޤު އަޅަމެނަށް ދެއްވާނދޭވެ!

اَللَّهُمَّ اغْـفِـرْ لَنَا .. وَارْحَمْـنَا .. وَأَعْـتِـقْ رِقَابَنَـا مِنَ النَّـارِ .
اَللَّهُمَّ اغْـفِـرْ لَنَا .. وَارْحَمْـنَا .. وَأَعْـتِـقْ رِقَابَنَـا مِنَ النَّـارِ
اَللَّهُمَّ اغْـفِـرْ لَنَا .. وَارْحَمْـنَا .. وَأَعْـتِـقْ رِقَابَنَـا مِنَ النَّـارِ.

އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އަޅަމެންނަށް އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! އަޅަމެން ނަރަކައިން ސަލާމަތް ކުރައްވާނދޭވެ!

ދެވަނަބައި: https://miadhu.mv/article/read/4263937

މިއަދު އޮންލައިން