ކޮވިޑުގެ ސަބަބުން ގެއްލުން ނުލިބޭ ޢާއިލާއެއް ރާއްޖޭގައި ނެތް! ގިނަ ޤައުމުތަކުގަ ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަނީ ވަބާއެއްގެ ގޮތުގަ: ރައީސް ޞާލިޙް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 22ސ
ކޮވިޑުގެ ސަބަބުން ގެއްލުން ނުލިބޭ ޢާއިލާއެއް ރާއްޖޭގައި ނެތް! ގިނަ ޤައުމުތަކުގަ ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަނީ ވަބާއެއްގެ ގޮތުގަ: ރައީސް ޞާލިޙް

ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް އަޅުގަނޑުމެން ތަޙައްމަލްކޮށްފިން ކަމަށާއި ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތް ކަމަށް އަދި ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުން:  

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މީގެ ދެ އަހަރު ކުރިން، އާދެ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު، ރާއްޖޭގައި ފުރަތަމަފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި. އެއީ މުޅި ދުނިޔެއަށް އޭރު ފެތުރެމުންދިޔަ ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ފެތުރެން ފެށުމާ ގުޅިގެން، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ފިޔަވަޅެއް.

ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް އަޅުގަނޑުމެން ތަޙައްމަލްކޮށްފިން. ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތް. ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފި

އެ ހުރިހާ އެންމެންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. އަދި ކޯވިޑް ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު. ނަތީޖާއަކަށްވީ، ކޯވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް.

އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާނު ކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން ޢަމަލުކުރަމުންދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން ޢާންމު ކުރައްވާނެ

ހަމައެއާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޯވިޑުގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެ. ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ޤާއިމުކޮށްފައި. އެ ބަދަލުތައް ދެނެގަނެ، ޙާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެ

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި. އެހެންކަމުން، ބަލީގެ ޙާލަތު ނުރައްކާތެރިވާފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ، އެކަމަކަށް ރިޢާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން، ކުރިމަގުގައި ކޯވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ

މިއަދު އޮންލައިން