ކަންކަމަށް މީހުންގެ ކިބައިން އެދުމުގެ ކުރިން ﷲ ގެ ޙަޟަރަތުން ނޭދޭ މީހާ ބޭނުންވާ ކަންކަން ޙާޞިލު ނުވީމާ ކުރަން އޮންނާނީ ކޮން ޝަކުވާއެއް؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކަންކަމަށް މީހުންގެ ކިބައިން އެދުމުގެ ކުރިން ﷲ ގެ ޙަޟަރަތުން ނޭދޭ މީހާ ބޭނުންވާ ކަންކަން ޙާޞިލު ނުވީމާ ކުރަން އޮންނާނީ ކޮން ޝަކުވާއެއް؟

އަހަރެމެންގެ ތެރެއިން ގިނައަކަށް ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އަވަސްވެގަނެވެނީ ކޮންމެވެސް މީހެއްގެ އެހީތެރިކަން ހޯދުމަށެވެ. ނަމަވެސް އެއީ ވަރަށް ދެރަކަމެކެވެ. އެއީ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތެއް ނޫނެވެ. 

ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ފުރަތަމަ ކަމަކަށް އެކަލާނގެއަށް ދެންނެވުމަށެވެ. "އެދޭށެވެ! ހިންމަވައި ދެއްވަވާނަމެވެ." ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަބައަކަށް ބޭނުމެއް ޖެހުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަނީވެސް އެންމެފަހުންނެވެ. މީސްމީހުންނަށް އާދޭސްކޮށްގެން އެކަމެއް ނުވުމުންނެވެ. 

އަހަރެމެންގެ ހިތަށް އަރާފައިބާ ކަންކަންވެސް ދެނެވޮޑިގެންވާ ޙާލު އަހަރެމެންނާއި އެންމެ ގާތުގައި  ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކަމަކަށް ބޭނުންވުމުން އެކަލާނގެ ޙަޟްރަތުގައި އެދެން ވަކިވަގުތެއް ނެތެވެ. ބޭނުންވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ ކިޔަމަންތެރި އަޅުންކަމުގައިވުމެވެ. 

އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ހުރެ ކޮންމެ ކަމަކަށް އެކަލާނގެއަށް ދެންނެވިނަމަވެސް ހިންމަވައި ދެއްވަވާނެތެވެ. އެއީ ޝައްކުކުރަން ޖެހޭ ކަމެއް ނޫނެވެ. އަހަރެމެންގެ ޚިޔާލަށްވެސް ނުގެވޭނެފަދަ ގޮތަކަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. އެކަން ޤުރައާނުން އެނގެން އޮތް އިރު ޝައްކުކުރަންވީ ކީއްކުރަން ހެއްޔެވެ؟ 

ދެން ބުނެލަން އޮތީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުން ކަމަށްވާއިރު ކަމެއް ޖެހުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދަންނަވައި ކަންކަމަށް މީހުންގެ ކިބައިން އެދެމުންގޮސް ބޭނުންވާ ކަންކަން ޙާޞިލު ނުވީމާ ކުރަން އޮންނާނީ ކޮން ޝަކުވާއެއްހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައި ފިކުރުކުރަން ނަޞޭޙަތްތެރިވަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން