ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އޮތީ މިފަދައިންނެވެ.
"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އިމާންވާކަމުގައިވަނީނަމަ، ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!" (އަންނޫރު: 2)
ދެން ނިކަން ބުނެބަލާށެވެ! އަދ ގެ ޤަރާރެއްގައި އޮންނާތީކަމަށްބުނެ މިއާޔަތަށް ޢަމަލުނުކުރާނަމަ އެމީހަކީ، އެދައުލަތަކީ ﷲ ތަޢާލާއަށާއި ޤިޔާމަތް ދުވަހަށް އީމާންވެގެންވާ މީހެއްކަމަށް، ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ވެރިކަން ކުރާ ދައުލަތެއްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
ވެރިކަމުގެ ދަހިވެތިކަމުގައި ﷲ ގެ އަމުރުފުޅުތައް ބޮލާލައި ޖަހައިގެން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟ އދގެ އަމުރުތަކަކީ ޤުރްއާނަށްވުރެ މަތިން އަންނަ އަމުރުތަކެއް ކަމަށް ޤަބޫލުކުރަނީހެއްޔެވެ؟ އަޢޫޛްބިﷲ
ޙައްދު ޖެހުމުގައި އޯގާތެރިވުމެއް ނެތެވެ. އަދި އެކަންކުރަންޖެހޭނީ ވީހާ ގިނަ ބައަކަށް ދައްކައިގެންނެވެ. އެއީ ސިއްރުސިއްރުން ކުރެވެން އޮތް ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން