މާރިޔަތުލް ޤިބްޠިއްޔާ 3: މާރިޔާގެ ނަންފުޅާއި ނަސަބުފުޅު އަދި އިސްލާމްވެވަޑައިގަތުން

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 56ސ
މާރިޔަތުލް ޤިބްޠިއްޔާ 3: މާރިޔާގެ ނަންފުޅާއި ނަސަބުފުޅު އަދި އިސްލާމްވެވަޑައިގަތުން

ނަންފުޅާއި ނަސަބުފުޅު

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން السّيّدة مارية القبطيَّة رضى اللّـه عنــها އަކީ މިޞްރުގެ ރަސްގެފާނު މުޤައުޤިސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވެދުމަށް އެރުވި ޖާރިޔާއެކެވެ. އިބްނު ކަޘީރު އޭނާގެ އައްސިޔަރަތުއް ނަބަވިއްޔާގައި ލިޔުއްވާ ގޮތުގައި السّيّدة مارية القبطيَّة رضى اللّـه عنــها ގެ ބަފައިކަލުންގެ ނަންފުޅަކީ،  شمعون އެވެ. އޭނާއަކީ މިޞްރުގެ ވަރަށް ޤަދަރުވެރި މަތިފުށަކުން ވަޑައިގެން ހުންނެވި މީހެކެވެ.  

السّيّدة مارية القبطيَّة رضى اللّـه عنــها  ނިސްބަތްވެވަޑައިގަންނަވަނީ މިޞްރުގެ حفن އަށް ކަމަށްވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. أمير معاوية رضى اللّـه عنه ގެ ޚިލާފަތުގައި އެކަލޭގެފާނު އެރަށުގެ މީސްތަކުންގެ އަތުން ޖިޒީނެންގެވުން ހުއްޓަވައިލެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ހަގުދަރިކަލުން އިބްރާހީމުގެފާނުގެ މައިކަނބަލުން السّيّدة مارية القبطيَّة ނިސްބަތްވެވަޑައިގަންނަވާ ރަށަކީ އެއީ ކަމުގައި ވާތީއެވެ.

{އަލްޙާފިޡު އިބްނު ކަޘީރު، އައްސިއްޔަތުއް ނަބަވިއްޔާ، އިނގިރޭސި އެޑިޝަން، ހަތަރުވަން ޖިލްދު ޞަފްޙާ 430} 

السّيّدة مارية القبطيَّة ގެ އުޚްތުންގެ ތެރެއިން ތާރީޚުން ނަންފުޅު އެނގެން އޮތީ السّيّدة سيرين بنت شمعون رضى اللّـه عنــها  ގެ ނަންފުޅެވެ. السّيّدة مارية القبطيَّة رضى اللّـه عنــها އަކީ ދީނީ ގޮތުންނާއި އިޢުތިޤާދުގެ ގޮތުން ނަޞްރާނީއެކެވެ. ބައެއް ތާރީޚްގެ ޢިލްމުވެރިން ލިޔުއްވާ ގޮތުގައި السّيّدة مارية القبطيَّة رضى اللّـه عنــها އާއި އެކަމަނާގެ އުޚްތު سيرين بنت شمعون رضى اللّـه عنــها  އަކީ އެދެކަނބަލުންގެ ބައްޕާފުޅު މިޞްރުގެ ކަނީސާގެ ޚިދުމަތަށްޓަކައި ވެދުންކުރެއްވި ދެ ބޭކަނބަލުންނެވެ. އޭރު މިޞްރުގެ ކަނީސާގެ ކަންތައްތައް ކުރިއަށް ގެންދަނީ މުޤައުޤިސްގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ. އިތުރު އެހެން ބައެއް ރިވާޔަތްތަކުގައި ވާގޮތުން السّيّدة مارية القبطيَّة ގެ މައިކަނބަލުންނަކީ، ރޫމުކަރައަށް ނިސްބަތްވާ ބޭކަނބަލެކެވެ. 

އިސްލާމްވެވަޑައިގަތުން: 

މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މުޤައުޤިސް ފޮނުއްވި ފަތްކޮޅާއި އެކަލޭގެފާނަށް ވެދުން ކުރެއްވި ހަދިޔާތަކާއިގެން حاطب بن أبي بلتعة رضى اللّـه عنــه، މަދީނާއަށް މިސްރާބު ޖެއްސެވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން މަގުމަތީގައި السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين بنت شمعون رضى اللّـه عنــها  އާއި مأبور އަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވިއެވެ. އެދީނުގެ ފުރިހަމަކަން ބަޔާންކޮށްދެއްވިއެވެ. ކްރިސްޓިއަންދީނާއި އިސްލާމްދީނުގެ ތަފާތު ބަޔާންކޮށްދެއްވިއެވެ.  

ނަތީޖާއެއްގެ ގޮތުން މަދީނާއަށް ވަޑައިގެން މަގުމަތީގައި، السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين بنت شمعون رضى اللّـه عنــها، އިސްލާމްވެވަޑައިގެންފިއެވެ. ނަމަވެސް مأبور އޭނާގެ ދީންމަތީގައި ސާބިތުވެގެން ހުރެއްޖެއެވެ. އޭނާ އިސްލާމްވީ މަދީނާއަށް ވަޑައިގެންފަހުންނެވެ. 

އިތުރު އެހެން ރިވާޔަތެއްގައިވަނީ،  السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين رضى اللّـه عنــها އިސްލާމްވެވަޑައިގެންނެވީ، މަދީނާގައިކަމުގައެވެ. މަދީނާއަށް ވަޑައިގަތުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެދެބޭކަނބަލުން ބޭތިއްބުވީ أم سليم بنت ملحان رضى اللّـه عنــها ގެ ގެކޮޅުގައެވެ. އެކަމަނާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚާދިމު أنس بن مالك رضى اللّـه عنــه،ގެ މައިކަނބަލުންނެވެ. السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين رضى اللّـه عنــها، އެގެކޮޅުގައި ތިއްބެވިއިރު އެދެކަނބަލުންގެ އަރިހަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން ފައިންޕުޅު ބީއްސަވައި އިސްލާމްދީނުގެ ވާހަކަފުޅު ދައްކަވައެވެ. އެދެބޭކަނބަލުން އިސްލާމްވެވަޑައިގަތީ އެގެކޮޅުގައި ތިއްބަވައިގެންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަތްޕުޅު މައްޗަށެވެ. 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން