މުސްލިމުންނަށް އޮތީ ރިވެތިވެގެންވާ ބަސްތަކުން ބަސްބުނުމެވެ. ރިޮވެތި ގޮތިގައި މުޢާމަލާތުކުރުމެވެ. ނަމަވެސް ކިތަންމެ ކުޑަކުޑަ ކަމަކާއި ރުޅިއާދެވުނު ނަމަވެސް ދުލުން ނުބައިބަސްތައް އެބަ ބުނެވެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ނުބައި ބަސްތައް އެބަ ބުނެވެއެވެ. މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. ނުބައި ބަސްތައް ބުނުމުން އަނެކާގެ ލޭކެކިގެންދެއެވެ. ރުޅިގަދަވެއެވެ. ދާދި ކުދިކުދި ކަންކަމުގައިވެސް ވަރިފަސަށް އަރައި ކައިވެނި ރޫޅެންމެދުވެރިވާ ސަބަބު މިއާޔަތުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
"އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠޯނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠޯނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވާތްތެރިޔަކު ކަމުގައިވިއެވެ." (އަލް އިސްރާ: 53)
ނުބައިބަސްތައް ބުނެވެނީ އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަންނާތީއެވެ! އެމިހާގެ ަމއްޗަށް ޝައިޠޯނާގެ ބާރުގަދަވެގެންދާތީއެވެ. އެކަމަށް އޮތް ހައްލަކީ ދެމަފިރިން ލޯބިން މުޢާމަލާތުކުރުމެވެ. ކަމެއްގައި ހިތްހަމަނުޖެހުނު ނަމަވެސް ނުބައި ބަސްތައް ނުބުނެ ރިވެތި ބަުރުވައިން މުޢާމަލާތު ކުރުމެވެ.
ގާތް އެކުވެރިންވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ދެމީހުންގެ މެދުގައި މައްސަލައެއް ޖެހޭ ހިނދު ދުލުން ނުވައި ބަސްތައް ނުބުނާށެވެ. ރިވެތި ބަހުރުވައިން ވާހަކަދައްކާށެވެ! ހެޔޮ ގޮތުގައި މުޢާމަލާތުކުރާށެވެ! ނޫންނަމަ ޝައިޠޯނާ ދެމީހުންގެ ދެމެދަށްވަދެގަނެ ފިތުނަ އުފައްދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން