ޝަފީޢު ޢަބްދުﷲ
އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިފުޅު އިސްމާޢީލުގެފާނާއިގެން މާތް ﷲ ގެ އަމުރުފުޅަށް ބައިތުލްމަޤްދިސުން މައްކާއަށް ވަޑައިގަތެވެ. އެއިރު އިސްމާޢީލުގެފާނަކީ ހަމައެކަނި ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅެކެވެ.
މައްކާގެ ބިމަށް ވަޑައިގެން އެކަލޭގެފާނު އެ ދެ މައިން އެ ތަނުގައި ބައިތިއްބެވިއެވެ. އަދި އަރިހުގައި ކަދުރު ކޮތަޅަކާއި ފެން ހަމެއް ބެހެއްޓެވިއެވެ. އެއަށް ފަހު، އެ ދެ މައިން ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަންނަވަން ފެއްޓުމުން، ހާޖަރުގެފާނު އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގެން، އެއްވެސް އިންސިއެއް އަދި ގަހެއް ވެސް ނެތް ހަނަފަސް ތަނަކަށް އެ ދެ މައިން ދޫކުރައްވައިފައި ވަޑައިގަންނަވަނީތޯ ސުވާލުކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު އެ ސުވާލަށް ޖަވާބު ނުދެއްވައި ކުރިޔަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. އެ ކަމަނާ ހަމަ އެ ސުވާލު ތަކުރާރު ކުރައްވައި އެއްސެވިއެވެ. ތިންވަނަ ފަހަރު ޖަވާބެއް ލިބިވަޑައިނުގަތުމުން އެ ކަމަނާގެ ދެން ކުރެއްވި ސުވާލަކީ، ކަލޭގެފާނު ތިމަން ކަމަނާއާއި ތުއްޕުޅު ދަރިކަލުން ދޫކުރައްވައިފައި ތިޔަ ވަޑައިގަންނަވަނީ މާތް ﷲގެ އަމުރުފުޅަށްތޯއެވެ. އެ ސުވާލު ކުރެއްވުމާއެކު އެކަލޭގެފާނު ހުއްޓިވަޑައިގެން ޖަވާބުދެއްވިއެވެ. އާދޭހެވެ. ހާޖަރުގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ، އެ އިލާހު އަޅަމެން ގެއްލެނިއެއް ނުކުރައްވާނެއެވެ. ދެން އެކަމަނާ އެނބުރި އެކަލޭގެފާނު އެ ކަމަނާއާއި ތުއްޕުޅު އިސްމާޢީލުގެފާނު ބައިތިއްބެވި ތަނަށް އެނބުރި ވަޑައިގަތެވެ.
އިބްރާހީމްގެފާނު ތަންކޮޅެއް ދުރަށް ވަޑައިގެންނެވުމުން މައްކާގެ ބިމަށްވާ ގޮތަށް އެނބުރި ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ. އެ ދުޢާ މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައެވެ. އެކަލޭގެފާނު ދެ އަތް އުފުއްލަވައިފައި ކުރެއްވި ދުޢާގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. " އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން، އަޅުގެ ދަރީންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުންކުރެ ބައެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށް ޓަކައެވެ." (إبراهيم : 37)
ކޮންމެއަކަސް، މި ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިއީ މައްކާގެ ފެށުމެވެ. މައްކާ އާބާދުވި ހާދިސާއެވެ. ޒަމްޒަމް ފެނުގެ ނިޢުމަތް، މާތް ﷲ، ހާޖަރާއި އިސްމާޢީލް عليهما السلام އަށް ދެއްވި ގޮތުގެ ވާހަކައެވެ. އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު ވެގެން ކަޢުބަތުﷲ ގެފުޅު ބިނާކުރެއްވި ވާހަކަ ވެސް ހިމެނެނީ މި ވާހަކައިގެ ތެރޭގައެވެ. ޞަފާ މަރްވާ ފަރުބަދަ ދެމެދުގައި ޙައްޖުވެރީންނާއި ޢުމްރާވެރީން ސަޢުޔުކުރުމުގެ ޙިކުމަތް ބަޔާންވެގެންދާ ވާހަކައެވެ. އުޟުޙިޔާ ކަތިލުމާއި ޖަމަރާތަށް ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހަތް ހިލަކޮޅު އުކުމުގެ ޙިކްމަތް ވެސް ބަޔާންވެގެންދާ ހާދިސާއެވެ. މި ހުރިހާ މަތިވެރި ޢިބްރަތްތެރި ދަރުސްތައް ލިބިގެންދާ ވާހަކައެވެ.
މި ތަނުގައި މި ހިމަނައިލީ އެއިގެ ތެރެއިން ހަމައެކަނި ހާޖަރު عليها السلام ގެ ކެތްތެރިކަމާއި އެކަމަނާގެ ޔަގީންކަން މާތް ﷲގެ ނިޔާފުޅުގެ މައްޗަށް އޮތް މިންވަރު ދޭހަކޮށްދޭ، ވަރަށް މުޚުތަޞަރު ކުރު ވާހަކަކޮޅެކެވެ. މި ވާހަކައިން އަޅުގަނޑުމެން ލިބިގަންނާންވީ ދަރުހަކީ މާތް ﷲ އަށް އިޢުތިމާދުވެ، އެ އިލާހަށް ވަކީލުކުރާ މީހަކަށް މާތް ﷲ ފުދިގެންވާ ކަމެވެ.