ބައިތުލް މަޤްދިސް މުސްލިމުންނަށް ޚާއްޞަވާ ސަބަބުތަކުގެ ތެރެއިން ޚާއްޞަވާ މުހިންމު ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ބައިތުލް މަޤްދިސް މުސްލިމުންނަށް ޚާއްޞަވާ ސަބަބުތަކުގެ ތެރެއިން ޚާއްޞަވާ މުހިންމު ބައެއް ސަބަބުތައް-

މުސްލިމް އަޚުންނޭވެ! ބައިތުލް މަޤްދިސަކީ، اللهُ سُبْحَانَهُ وَتَعَالَى    އެތައް ގޮތަކުން މާތްކުރައްވައި، އެތާނގެ ވަށައިގެން ބަރަކާތް ލައްވާފައިވާ، މަތިވެރި މާތް ބިމެކެވެ. މިކަން ބަޔާންކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى  ވަޙީ ކުރައްވާފައިވެއެވެ. (سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ މާނައީ: " އެކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ." ބައިތުލް މަޤްދިސަކީ މުސްލިމުންގެ ހިތްތަކުގައި، އެތަނުގެ މާތްކަމާއި މަތިވެރިކަން ބިންވަޅުނެގިފައިވާ، ވަރަށް މާތް މަތިވެރި މުޤައްދަސް ބިމެކެވެ.

އެއީ މަސްޖިދުލް ޙަރާމަށް ފަހު، ދެވަނައަށް ބިނާކުރެވުނު މިސްކިތެވެ. ލޮބުވެތި ނަބިއްޔާ ﷺ ގެ އަރިހުން އަބޫޛައްރުގެފާނު ސުވާލު ދެންނެވިއެވެ. ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނީ ކޮން މިސްކިތެއްތޯއެވެ؟ އެހިނދު ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. މަސްޖިދުލް ޙަރާމެވެ. ދެން ކޮން މިސްކިތެއްތޯއޭ ދެންނެވުމުން، ޙަދީޘް ކުރެއްވިއެވެ. މަސްޖިދުލް އަޤްޞާއެވެ. 

މުސްލިމް އަޚުންނޭވެ! ﷲ ގެ ތައުޙީދު، އެންމެ ފުރަތަމަ ދެނެގަތް ރަށަކީ، މާތްވެގެންވާ މައްކާއެވެ. ދެވަނަ ރަށަކީ ޤުދުސެވެ. އިމާމު ބުޚާރީއާއި، އިމާމު މުސްލިމު ރިވާކުރެއެވި ޙަދީޘެއްގައި ބަޔާންވެގެންވާ ގޮތުގައި، އަލްމަސްޖިދުލް ޢަޤްޞާ ބިނާކުރެވުނީ އާދަމު (عَلَيْهِ السَّلاَمُ) ގެ ޒަމާނުގައެވެ. އަލްމަސްޖިދުލް ޙަރާމު ބިނާކުރުމާއި އަލްމަސްޖިދުލް އަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައިވަނީ 40 އަހަރެވެ. މިބަސްފުޅުން ﷲގެ ރިސާލަތާ، މިދެ ރަށާ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް އެނގެއެވެ. އެއަށްފަހު އިބްރާހީމުގެފާނާއި، އެކަލޭގެފާނުގެ ކޮއްކޯފުޅު ލޫޠުގެފާނު ފަލަސްޠީނުގައި ﷲގެ ރިސާލަތަށް ގޮވާލައްވައި، ތައުޙީދުގެ ދިދަ އުފުއްލެވިއެވެ. އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި، އިސްޙާޤްގެފާނު އުފަންވެ ވަޑައިގަތީ، ހަމަ މިބިމުގައެވެ. ޔަޢުޤޫބުގެފާނާއި ޔޫސުފުގެފާނު ދުނިޔެއަށް ވަޑައިގަތީވެސް، ހަމަ މިބިމުގައެވެ. އެއަށްފަހު ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު، ﷲގެ ނުބުއްވަތުގެ މަންހަޖުގެ މަތީގައި، ތައުޙީދުގެ ރަސްކަމެއް، ބައިތުލް މަޤްދިސްގައި ޤާއިމު ކުރެއްވިއެވެ. 

މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުޢާފުޅު އިޖާބަކުރައްވައި، ޔަޙްޔާގެފާނު ދެއްވީ މިބިމުގައެވެ. މަރްޔަމުގެފާނަށް ހޫނު މޫސުމުގައި، ފިނި މޫސުމުގެ މޭވާތައް އަދި ފނި މޫސުމުގައި ހޫނު މޫސުމުގެ މޭވާތައް ދެއްވާފައި ވަނީވެސް، ހަމަ މިބިމުގައެވެ. ޢީސާގެފާނު ރައްކައުވެ، ތުއްޕުޅުކަމުގެ  ދާންމަތިކޮޅުގައި، މީހުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވީ މި މާތް ބިމުގައެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ﷺ ގެ އިސްރާ ދަތުރުފުޅު  ކުރެއްވީ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށެވެ. އެކަލޭގެފާނު ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން، ނަމާދުފުޅުކުރެއްވީ މި ބަރަކާތްތެރި މިސްކިތުއެވެ. އެއަށްފަހު އެކަލޭގެފާނުގެ މިޢްރާޖު ދަތުރުފުޅު ފެއްޓެވީ ވެސް ހަމަ މި މާތް މިސްކިތުންނެވެ.

- މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން