ޙަޤީޤީ ޙާދިސާ: ހެޔޮ ނަޞޭޙަތްދޭތީ ރުޅި އައިސް މައިދައިތަގެ މޫނު ބުޅަލަކާ ވައްތަރުކަމަށްބުނި މީހާގެ މޫނު އެސިފައަށް ބަދަލުވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ޙަޤީޤީ ޙާދިސާ: ހެޔޮ ނަޞޭޙަތްދޭތީ ރުޅި އައިސް މައިދައިތަގެ މޫނު ބުޅަލަކާ ވައްތަރުކަމަށްބުނި މީހާގެ މޫނު އެސިފައަށް ބަދަލުވި ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ހުންނަނީ އެންމެ ދައްތައެވެ. އެއީ އެއްބަނޑުގައި ހުރި ހަމައެކަނި އަންހެނާއެވެ. އަޅުގަނޑު އޭނާ ދެކެ ވަރަށް ބޮޑަށް ލީބިވެއެވެ. އެންމެ ބޮޑު ހިތާމައަކީ އޭނާ އާއި އޭނާގެ ފިރިމީހާ އަބަދުވެސް ދެބަސްވާ ކަމެވެ. އެކަމާ އަބަދުވެސް ވަރަށް ދެރަވެއެވެ. ދައްތައަށް އުފާވެރި ދިރިއުޅުމެއް ދެއްކެވުން އެދި ދުޢާކުރަމެވެ. 

އެމީހުން ދިރިއުޅެނީ ހަމަ މައިންބަފައިންގެ ގާތުގައެވެ. ވީމާ ކޮޓަރީގައިތިބެގެން ޒުވާބުކުރާއަޑު އިވޭތީ މައިންބަފައިނެވެސް ވަރަށް ހިތާމަކުރެއެވެ. ނަމަވެސް އަނގައިން ނުބުނެ ކެތްތެރިވެގެން ތިބެނީއެވެ. އެކަމާ މައިންބަފައިން ދެރަވެފައި ތިބޭތަން ފެންނާތީ ވަރަށް އަސަރުވެސް ކުރެއެވެ. 

ކެތްތެރިކަން ކޮޅުންލާ ހާލަތަށް ކަންކަން ދިއުމުން އެއްދުވަހަކު ދައްތަ ގާތުގައި ބުނީމެވެ. "ދައްތަގެ ދިރިއުޅުމާއިބެހޭކަށް ނޫނެވެ. ނަމަވެސް ނުބެހެންވީ ސަބަބެއްވެސް ނެތެވެ. ހުރިހަމައެކަނި ދައްތައަކީ ތިއައީއެވެ. ދައްތާއެވެ. ތިއަގޮތަށް މުޅި އުމުރު ހޭދަކުރެވޭނެ ހެއްޔެވެ؟ ދެމީހުން މަޝްވަރާކޮށްފައި ތިއަ ނޫން ގޮތަކަށް ކަންކަން ބަދަލުކުރެވެން ނެތްނަމަ އެހެން ގޮތަކަށް ވިސްނަން އަދިވެސް ނުވަނީހެއްޔެވެ؟ އަބަދު މަންމަ އާއި ބައްޕަވެސް އެތިބެނީ ދެރަވެފައެވެ. މިގޭގައި އެއްވެސް އުފާވެރިކަމެއް ނެތެއް ނޫން ހެއްޔެވެ؟" 

ދައްތަ ބުނީ އެކަމާ ދައްތަވެސް ވަރަށް ދެރަވާކަމަށެވެ. އަދި އެފަދަ ކަމެއްގެ ވާހަކަ ދެއްކިނަމަވެސް ރުޅި އައިސް އެއްޗެތިގޮވުން ނޫން ކަމެއް ނުކުރާކަމަށެވެ. އަލަތު ކައިވެނިކަމަށްވުމުން ކޮންމެ ޙާލެއްގައިވެސް އެކުގައި ދިރިއުޅެވޭތޯ މަސައްކަތްކުރަނީ ކަމަށެވެ. 

ދައްތަގެ ކިބައިން އެނގުނު ގޮތުގައި ދައްތަ ރޭގަނޑު ހޭލައިގެން ދަމުނަމާދުކޮށް ޤުރްއާން ކިޔަވަން އިންނާތީވެސް ފިރިމީހާ ރުޅިއާދެއެވެ. އޭނާ ބޭނުންވަނީ ފައި އެއްލަން ބޭނުންކުރާ ބާލީހެއްފަދައިން އޭނާ ބޭނުންވުމުން ފައި އެއްލަން އެނދުގައި އޮންނާށެވެ. އަދި އޭނާ ކިތަންމެ ލަހުން ނިދަން އައިނަމަވެސް ސުވާލެއްކޮށްލުމަކީ ވެސް އިންތިހާއަށް ރުޅިގަދަވާ ކަމެކެވެ. 

މިވާހަކަތައް މަންމަމެންނަށް ކިޔައިދިނުމުން އެއް ރޭ ދެމަފިރިން ކާން ތިއްބާ މަންމަމެންގޮސް އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށާއި ލޯބިން ދެމީހުން ދިރިއުޅުމަކީ ދިރިއުޅުމުގައި ރަޙްމަތް ލައްވަވައި އުފާވެރިކަން މިންވަރުކުރައްވަވާ ކަމެއްކަމަށް ބުންޏެވެ. އެކުވެރިކަމެއް ނެތި ލޯބިވުމެއް ނެތި ދިރިއުޅެގެން ލިބޭނެ ޙަޤީޤީ ކުރުމެއް ނުއޮންނާނެ ކަމަށްވެސް ބުންނެވެ. 

އެހައި ހެޔޮ ނަޞޭޙަތް ދިނުމުން ދައްތަގެ ފިރިމީހާ ރުޅިއައީ މަންމަދެކެއެވެ. ފުރަތަމަވެސް ބުނީ މުސްކުޅިވެ ބުޅަލެއްގެ ސިފަ މޫނުގައި ޖަހަން ފެށީމާ ތިއަގޮތަށް ދަރިންގެ ކަންކަމާއިބެހުމަކީ ވަރަށް ގިނަ ނުބައި މައިންގެ ސިފައެއް ކަމަށެވެ. 

އެއިރު ސޯފާގައި އަޅުގަނޑު އިނީމެވެ. އޭނާގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. "އަޅުގަނޑު ބުނީމެވެ. ތިއަ ދިއައީ މާމައްޗަށެވެ. މަންމަ އާއި ދިމާއަށް ތިއަފަަދަ ބަހެއް ކަލޭގެ ދުލުން ބުނަން ލަދު ނުގަންނައިރު މައިންބަފައިންގެ ގޭގައި އުޅެން ލަދެއް ނުގަނޭ ހެއްޔެވެ؟ ހަމަ މިހާރު މިގެއިން ނުކުންނާށެވެ. ކަލެއާއިއެކު ނުކުމެއްޖެ ނަމަ ދައްތަވެސް އަނބުރާ މިގެއަކަށް ނުވައްދާނަމެވެ. ދައްތަގެ ގެދޮރުގައި ދައްތައަށް ތިއަގޮތަށް ކަންކަންކުރާ މީހަކު ދައްތަ ގެއިން ގެންގޮސްފައި ކަންކަންކުރާނެ ގޮތް އަހަރެމެންނަށް ފެނެއެވެ." 

ދައްތަވެސް އަޅުގަނޑަށް ތާއީދުކުރިއެވެ. އަދި ދައްތަ ދޫކޮށްލާފައި ގެއިން ނުކުތުމަށް ބުންޏެވެ. އަދި އިޞްލާޙްވާން ބޭނުންނަމަ ބުނެވުނު ނުބައި ބަހަށް އެންމެންގެ ކުރިމަތީގައި މާފަށް އެދެންވެސް ބުންޏެވެ. ނަމަވެސް އޭނާ ނިންމީ އޭނާ ބުނި ނުބައި ބަސް ދަމަހައްޓާށެވެ. އެހެންވެ ދައްތަ ވަރިކޮށްލާފައި ނުކުމެގެން ދިއައީއެވެ. 

އެއިގެ 4 އަހަރު ފަހެވެ. އާދައިގެ މަތިން ބައްޕަ ޑޮކްޓަރަށް ދައްކާލަން ހޮސްޕިޓަލަށް ދިއަ ދުވަހެކެވެ. ގޮސް އުޅުނީ އެންމެން އެކުގައެވެ. ދައްތަ މީހަކަށް ބަލާތީ އަޅުގަނޑަށް ވެސް އެދިމާއަށް ބަލައިލެވުނެވެ. ފެނުނީ އަނގަމަތި އޮރިއަށް ދަމައިގެންފައި ހުރި މީހެކެވެ. ބުޅަލެއް އަނގަހުޅުވާލުމުން ހުންނަ ގޮތާ އަނގަމަތި ވަރަށް ވައްތަރެވެ. އަޅުގަނޑަށް އޭނާއަށް ބަލައިލެވުނުކަން އެނގުމުން ރުމާލެއް އަޅައި އަނގަމަތި ފޮރުވިއެވެ. 

ދެން ފެނުނީ މަންމަގެ އަތުގައި ހިފައިގެން ދައްތަ އެދިމާއަށް ހިނގައިގަތްތަނެވެ. "ތިއައީ އަހަރެންގެ ކުރީގެ ފިރިމިހާ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއަހުރީ ކިހިނެއްވެފައިހެއްޔެވެ؟"  ވަރަށް މަޑުމަޑުން އެމީހާ ޖަވާބުދިނެވެ. "އާނއެކެވެ! އެކްސިޑެންޓެއްވެފައި އަނގަމަތި ހަލާކުވީއެވެ. ގިނަ ދަތްތައްވެސް ބިނދުނީއެވެ." 

އެހެން ބުނުމާއިއެކު މަންމަ އޭނާއަށް ހެޔޮ ދުޢާކޮށް އަވަސް ޝިފާއަކަށް އެދި ދުޢާކުރިއެވެ. ބައްޕަގެ ނަމްބަރަށް ޖެހެންވެފައި އިނުމުން އަހަރެމެން އެނބުރި ގޮނޑިއަށް އައީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު މިކިޔައި ދިނީ ދެބޭނުމަކުއެވެ. ފުރަތަމަކަމަކީ އަނބިމީހާ ކުރާ އަޅުކަމަށް ޚާއްބަކޮށް ދަމުނަމާދުކުރަން ނަފްރަތުކުރަން ހެޔޮނުވާނެއެވެ. ފިރިން ވާންޖެހޭނީ އެކަމަށް ހިތްވަރުދޭ ބައަކަށެވެ. ދެވަނަ ކަމަކީ އުމުރުން ދުވަސްވެފައިވާ އެއްވެސް މީހަކަށް ނުބައި ބަސްބުނަން ހެޔޮނުވާނެއެވެ. ޚާއްޞަކޮށް މައިންނަށެވެ. އަޅުގަނޑު ވަރަށް ކެރިހުރެގެން ބުނެފާނަމެވެ. މައިންބަފައިންނަށް މަލާތާ ފުރައްސާރަކުރާނަމަ އެމީހަކާ އެކަން އަރާހަމަނުކުރާ ހަމައެކަކާއިވެސް ބައްދަލުވެފައެއް ނެތެވެ. ކޮންމެވެސް ގޮތަކުން އެމީހަކު ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓެއެވެ. 

- އަރުޝަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން