ޖުލައިބީބު ރަޟިޔަﷲ ޢަންހުގެ ކައިވެނިފުޅު: މައިންބަފައިންނާ އަންހެންކުދިން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ފިލާވަޅުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 33ސ
ޖުލައިބީބު ރަޟިޔަﷲ ޢަންހުގެ ކައިވެނިފުޅު: މައިންބަފައިންނާ އަންހެންކުދިން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ފިލާވަޅުތަކެއް!

جُلَيْبِيب رضى اللّـه عنه ދިރިއުޅުއްވަމުން ގެންދެވީ ނުހަނު އެކަނިވެރި ދިރިއުޅުއްވުމެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލަކު ދަރިކައުކަނބަލަކު ނުހުރެއެވެ. އެހެންކަމުން، ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް އެކަމުގައި އެހީތެރިކަމުގެ އަތްޕުޅެއް ފޯރުކޮށްދެއްވަން ޤަޞްދުކުރެއްވިއެވެ. އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަންޞާރިއްޔަށް ޞަޙާބީބޭކަލެއްގެ ގެކޮޅަށް ވަޑައިގެން ވިދާޅުވިއެވެ. 

[ކަލޭގެފާނުގެ ދަރިފުޅުގެ ކާވެނިފުޅުގެ ކަންތައްތައް ތިމަންކަލޭގެފާނަށް ދޫކޮށްލައްވާނުތޯއެވެ؟] 

އަންޞާރިއްޔަ ޞަޙާބީގެ ހިތްޕުޅު ވަރަލައިގެން އުދުއްސައިގެން ކަހަލައެވެ. އެ ޞަޙާބީ ވިދާޅުވިއެވެ. [ކިހާބޮޑު އުފަލެއްތޯއެވެ. ކިހާބޮޑު ބަރަކާތެއްތޯއެވެ. ތިޔައީ، އަޅުގަނޑުގެ ލޮލަށް ލިބުނު ފިނިކަމެކެވެ.] އޭނާ އެހެން ދެންނެވީ ރަސޫލާ صلّى اللّـه عليه وسلّم އޭނާގެ އަންހެން ދަރިކަނބަލުންނާ ކާވެނި ބައްލަވައިގަންނަވަނީ ކަމަށް ހީފުޅު ކުރައްވައެވެ. އެކަން އެކަލޭގެފާނަށް ވިސްނިވަޑައިގެން ޙަދީޘު ކުރެއްވިއެވެ. [އަޅުގަނޑު ކަލޭގެފާނުގެ ދަރިކަނބަލުންނާ ކާވެނި ކުރާކަށްނޫނެވެ.] އޭނާ ދެންނެވިއެވެ. ދެން ކާކުތޯއެވެ. ޙަދީޘު ކުރެއްވިއެވެ. [جُلَيْبِيب އަށެވެ.] 

ރަސޫލާ صلّى اللّـه عليه وسلّم ގެ ދޫފުޅުން جُلَيْبِيب ގެ ނަންފުޅު ބޭރުވާއިރަށް އަންޞާރިއްޔަ ޞަޙާބީ މާޔޫސްވެއްޖެއެވެ. މޫނުފުޅުމަތީ ހުރި އުފާވެރިކަން މިލައި މޯޅިވެއްޖެއެވެ. އޭނާގެ ލޮލުގެ ނޫރުކަމުގައިވާ ދަރިކަނބަލުން ނުކުޅެދުންތެރިކަން ހުންނަ މީހަކާ ކާވެނިކޮށްދޭން ބޭނުންނުވާތީއެވެ. އެކަމުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޖަވާބެއް އެރުވޭނީ އޭނާގެ އަނބިކަނބަލުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމުގައި އޭނާ ދަންވައި، އަނބިކަނބަލުންނަށް އެ ޚަބަރު ދެއްވައިފިއެވެ. އެކަމަނާ ވިދާޅުވިއެވެ. [މާތްކަލާނގެ ގަންދެމެވެ. އަހަރެންގެ ދަރިފުޅު ދުވަހަކުވެސް جُلَيْبِيب އަކާ ނުދެވާނަމެވެ.] 

މިދެބޭކަނބަލުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ދަރިކަނބަލުން ފަރުދާގެ އަނެއްފަރާތުގައި ހުންނަވައިގެން އަޑުއައްސަވަމުން ގެންދެވިއެވެ. އެދަރިކަނބަލުން ވިދާޅުވިއެވެ. [އަޅުގަނޑުގެ ކާވެނިކޮށްދެއްވާށޭ ވިދާޅުވީ ކާކުތޯއެވެ؟" ރަސޫލާ صلّى اللّـه عليه وسلّم އަންހެންކުއްޖާގެ ކާވެނިފުޅު جُلَيْبِيب އާ ކޮށްދެއްވަން ބޭނުންފުޅުވެގެން އެދިވަޑައިގެންނެވި ވާހަކަ މަންމާފުޅު ވިދާޅުވިއެވެ. 

ރަސޫލާ صلّى اللّـه عليه وسلّم އެ އަންހެން ކުއްޖާގެ ކާވެނިފުޅު ޖުލައިބީބަށް ކޮށްދެއްވަން ޤަޞްދުކުރައްވާކަން އެނގިވަޑައިގެން އަދި އެކާވެނިފުޅާ އެ އަންހެން ކުއްޖާގެ ބެލެނިވެރިން ނުޤަބޫލުވެ ނުރުހުން ފާޅުކުރައްވާކަން އެނގިވަޑައިގެންނެވުމުން ހިތާމަކުރައްވައި އޭނާ ބުންޏެވެ. 

[މަންމާފުޅާއި ބައްޕާފުޅު މާތް ގެ ރަސޫލާ صلّى اللّـه عليه وسلّم ގެ އެދިވަޑައިގެންނެވުމާއި ދެކޮޅު ހައްދަވަނީތޯއެވެ؟ އަޅުގަނޑު އެކަލޭގެފާނުގެ އަރިހަށް ފޮނުވާށެވެ. އެކަލޭގެފާނު އަޅުގަނޑަށް ދެރައެއްލިބޭ ކަމެއް ނުކުރައްވާނެއެވެ.]

ދެން، އެ އަންހެންކުއްޖާ ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم އެ އަންހެން ކުއްޖާގެ ކާވެނިފުޅު جُلَيْبِيب رضى اللّـه عنه، އާކޮށްދެއްވިއެވެ. 

ރަސޫލް صلّى اللّـه عليه وسلّم ޖުލައިބީބުގެ އަނބިކަނބަލުންނަށް ކޮށްދެއްވެވި މަތިވެރި ދުޢާ:  

މާތް ރަސޫލާ صلّى اللّـه عليه وسلّم، ޖުލައިބީބު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނަށް ހެޔޮ ދުޢާފުޅު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ ތަނަވަސް ރަޙްމަތްފުޅުން ހެޔޮކަންތައް ހިސާބެއްނެތް މިންވަރަށް އެކަމަނާއަށް ދެއްވާންދޭވެ. ދިރިއުޅުމުގައި އެކަމަނާއަށް އެއްވެސް ދަތިކަމެއް އުނދަގުލެއް ނުޖައްސަވާންދޭވެ.]

ބުނެވޭ ގޮތުގައި އަންޞާރުންގެ ތެރޭގައި އެކަމަނާއަށްވުރެ މީހަކު ކާވެނިކުރުމަށް އެކަށީގެންވާ އަންހެއްކުއްޖަކު ނުވެއެވެ. 

(ބައެއް ރިވާޔަތްތަކުގައި އައިސްފައިވަނީ ރަސޫލް صلّى اللّـه عليه وسلّم ކުރެއްވެވި ދުޢާގެ ސަބަބުން އެކަމަނާއަށްވުރެ ތަނަވަސްކަންބޮޑު ބޭކަނބަލަކު އެއިރު ނުވާ ކަމަށެވެ.)  

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން