ކޮންމެ މީހަކުވެސް ބޭނުންވާނީ ބާއްޖަވެރިއަކަށްވާށެވެ! ނަމަވެސް ގިނަ ބައަކަށް ވެވެނީ އަބާއްޖަވެރިއަކަށެވެ. ވީމާ އެކަން އެގޮތަށްވުމަށް ދިމާވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލަމާހެއްޔެވެ؟
މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.
އަބާއްޖަވެރިވަނީ ހަވާނަފްސަށްތަބާވެ، އަދި ފާފަތަކާއި ނުބައިކަންކަމަށް އަރައިގަތުމުންނެވެ. ދުނިޔަވީ ލައްޛަތުތަކުގެ ތެރެއިން ޙަރާމްކަންތައް ވަށާލެވިފައިވަނީ ގެއްލުމުންނެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް އަބާއްޖަވެރިވުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކކުރެއްވިއެވެ.
﴿وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا …﴾ (سورة طه ١٢٤)
މާނައީ: ” އަދި ތިމަންރަސްކަލާނގެ ޛިކުރަށް (އެބަހީ: ޤުރުއާނަށާއި ރަސޫލާ صلى الله عليه وسلم އަށް ބާވާލެއްވުނު ތަކެއްޗަށް) ފުރަގަސްދީފިމީހަކަށް، ފަހެ ހަމަކަށަވަރުން އެމީހަކަށްއޮތީ ދަތި ދިރިއުޅުމެކެވެ. …"
އެބަހީ: ދަތިކަމާއި ބުރަކަމެވެ.
ޝައިޚަލް އިސްލާމް رحمه الله ވިދާޅުވިއެވެ: " މިޢާލަމުގައި އަޅާއަށް ޚާއްޞަވެފައިވާ ކޮންމެ ނުބައިކަމެއްގެ ސަބަބަކީ: ރަސޫލާ صلى الله عليه وسلم އާ ޚިލާފުވުމެވެ. ނުވަތަ އެކަލޭގެފާނު ގެންނެވި ތަކެއްޗާމެދު ޖާހިލުވުމެވެ. އަދި ހަމަކަށަވެރުން ދުނިޔެއާއި އާޚިރަތުގައިވެސް އަޅާގެ ބާއްޖަވެރިކަންވަނީ ރިސާލަތަށް ތަބާވެގެންނެވެ."
[فتاوي شيخ الإسلام / ١٩، ٩٣]
އަބާއްޖަވެރިކަމުން ބާއްޖަވެރިކަމަށް ފިލޭނީ ﷲއަށް ތައުބާވެ ރުޖޫޢަވެގެންނެވެ. އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: "އަދި ނުބައިކަމުގެ ދޮރު ބަންދުކުރެވެނީ ތައުބާވެ އިސްތިޣްފާރުކުމުންނެވެ." [زاد المعاد / ٤، ٢٠٢]
ފަހެ ތައުބާގެ ދޮރުގައި ޓަކިޖަހާށެވެ. އަދި ފާފަތަކުގެ ދޮރު ބަންދުކުރާށެވެ. އެއީ ބާއްޖަވެރިކަމުގެ ރަހަ ލިބުމަށްޓަކައެވެ. ހިތަށް ޢާފިޔަތުލިބެނީ ފާފަކުރުން ދޫކޮށްލުމުންނެވެ. ހިތުގެ ކައިރީ ފާފަތަކަކީ ވިހައެއްގެ ދަރަޖައިގައިވާ އެއްޗެކެވެ. އެހަލާކުކޮށްނުލައިފިއްޔާ ބަލިކަށިކޮށްލައެވެ. ފާފަކުރުމުގެ ނިކަމެތިކަމުން ކިޔަމަންގަތުމުގެ ޢިއްޒަތްތެރިކަމަށް ބަދަލުވެއްޖެމީހާގެ އަތުގައި މުދަލެއްނެތްނަމަވެސް، ﷲ އޭނާއަށް ފުދުންތެރިކަންދެއްވައެވެ. އަދި އެކުގައިއުޅޭމީހެއް އޭނައާއެކު ނެތަސް އެކަނިވެރިކަންވެސް ފިއްލަވައިދެއްވައެވެ.
ޙަޤީޤީ އަބާއްޖަވެރިއަކީ އޭނާގެ އިލާހަށް ކިޔަމަންގަތުމުން ފުރަގަސްދިން މީހާއެވެ. އަދި ﷲ ޙަރާމްކުރެއްވިކަންތައްތަކަށް އަރައިގަންނަމީހާއެވެ.
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ