ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންޑިޔާގެ އަލިގާ މުސްލިމް ޔުނިވަރސިޓީ އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި އަލިގާ މުސްލިމް ޔުނިވަރސިޓީ ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެޖިސްޓަރ އަބްދުލް ހާމިދެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫމަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައިޔޫއެމް އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގިގެންދިޔުމާއި ޓްރެއިނިންގ ސެޝަންސް އަދި ސެމިނާރ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދިޔުމާއި އަދި ހަމަ އެހެންމެ ދެފަރާތުން ގުޅިގެން ރިސާޗް ޕްރޮޖެކްޓްތަށް ހިންގިގެންދާނެ ކަމަށެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.