ވިލާޔާ ޚާއްޞާ ނުވަތަ ޚާއްޞަ އެހީތެރިކަން ވަނީ ހަމައެކަނި މުއިމިނުންނަށެވެ. ސޫރަތުލް ބަގަރާގެ 257 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾ )
މާނައަކީ: "اللَّه އީ، އީމާން ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޝައިޠޯނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ ޝައިޠޯނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."
މިބަސްފުޅު އަދިވެސް ތަކުރާރުކޮށްލާނަމެވެ. " އަދި، ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޝައިޠޯނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ ޝައިޠޯނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."
މިއަދު ގިނަބައަކަށް ކުރިމަތިވެގެން މިއުޅެނީ މި މައްސަލައެވެ. ތިމާ މުއްމިނެއްގެ ގޮތުގައި ހުއްޓާ ޝައިޠޯނާ އައިސް އަތުގަ ހިފާ ދަމާ ގެންގޮސް ނަރަކައަށް ވައްދުވާއިރުވެސް އެކަން ނުވިސްނެނީއެވެ.
ﷲ ތައާލާ މުސްލިމުންނަށް ދެއްވަވާފައިވާ އެންމެ ބޮޑު މަތިވެރިކަމަކީވެސް ނިޢްމަތަކީވެސް އިސްލާމް ދީނުގެ ހިދާޔަތު ދެއްކެވިކަމެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރެދެއްވެވި ކަމެވެ. ﷲ ތަޢާލާ އަހަރެމެންނަށް ހިދާޔަތު ދެއްކެވުމުން ޝައިޠޯނާގެ ބަހަށް ހެއްލި އަލުން އަނދިރިކަމުގެ ތެރެއަށް ވަދެ ނަރަކައިގެ އެންމެ އަޑިއަށް ދާންޖެހުމަކީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟
އަނދިރިކަމުގެ ތެރެއިން އަޅުކަމުގެ ތެރެއަށް ﷲ ތަޢާލާ ތިބާ ނެރުއްވެވުމުން ޝައިޠޯނުންގެ ބަހަށް ހެއްލި ތިބާ އެނބުރި އަނދިކަމުގެތެރެއަށް ވަންނަނީ ނަރަކައިގެ ޢަޛާބަށް ކެތްކޮށްލެވޭނެތީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން