އެއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ އުތުރުގެ ރަށަކަށް ކުރި ދަތުރެކެވެ. ދަތުރުގައި އެއްފައި ކަނޑާލާފައި ހުރި އަންހެނަކު ފެނުނެވެ. ފެންނަ ފެނުމަށް އޭނާ ހުރީވެސް ވަރަށް ބަލި ޙާލުގައެވެ. އޭނާގެ ޙާލަށް ހަމަދަރުދީވެ އެކުވެރިން ގާތު ސުވާލުކޮށްލުމުން ކިޔައިދިނެވެ.
"އެއީ މިރަށުގެ މިވެނި މީހެއްގެ އަނބިމީހާއެވެ. ފިރިމީހާގެ މަންމައަކީ ވަރަށް ބަލިޙާލުގައި އޮތް އަންހެނެކެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަން ރިޒޯޓަކަށް ދިއައީ މަންމަގެ ކަންކަން ބަލަހައްޓަން އަނބިމިހާ އާއި ޙަވާލުކޮށްފައެވެ. އަދި ދިއައީ ރަށުގައި ހުރެގެން އާމަދަނީ ނުލިބޭތީ މަންމަ އާއި ޢާއިލާއަށްޓަކައެވެ. މަންމަގެ ކަންކަން އަނބިމީހާ ރަނގަޅު ގޮތުގައި ބަލަހައްޓައިދޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމާއިވެސް އެކުގައެވެ.
ފިރިމީހާ ރަށުން ފުރުމުން އަނބިމީހާ މައިދައިތަގެ ކަންކަން ބެލެހެއްޓީ ވަރަށް އާދައާ ޚިލާފް ގޮތަކަށެވެ. ފެންވަރުވަންވީމާ ގެންގޮސް ބާއްވަނީ ގިފިލީ ވަޅުގެ ތަޅުންގަނޑު މަތީގައެވެ. ބާއްވާފައި "މިއީ ދެން ކިހާބޮޑު ބަލާއެއްހޭ" ކިޔައި އެއްޗެތި ގޮވަމުން ގައި އުނގުޅައިދެނީ އޭނާގެ ފައިންނެވެ.
ދުވަސްކޮޅަކުން އެ ދައިތަ ނިޔާވީއެވެ. ނިޔާވިތާ ދުވަސްކޮޅެއް ފަހުން އަންހެން މީހާގެ ފަޔަށް ޖެހުނު ބައްޔެއް ރަނގަޅު ނުކުރެވިގެން ފައިކަނޑާލަން ޖެހުނީއެވެ."
މިއަދުނޫހުގެ އެކުވެރި ކިޔުންތެރިނެނޭވެ! މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް ޢިބްރަތުން ފުރިގެންވާ ޚަޒާނާއެކެވެ. މަންމައަށްވީނަމަވެސް މައިދައިތައަށްވީނަމަވެސް އަދި ކޮންމެ މީހަކަށްނަމަވެސް އެއްވެސް އިންސާނަކާއިމެދު އެގޮތަށް ކަންތައްތައް ކުރަން ހެޔޮނުވާނެއެވެ. ބަލިޙާލުގައި އޮތް ނުކުޅެދޭ މީހަކަށް އަނިޔާވެރިވާން ހެޔޮނުވާނެއެވެ. ދުލުން ނުބައި ބަސްތައް ބުނެ އެފަދަ މީހުންގެ ހިތުގައި ޖައްސަން ހެޔޮނުވާނެއެވެ.
އަޅުގަނޑަށް ވިސްނޭގޮތުން އެ މުސްކުޅި މައިދައިތަ ނިޔާވުމުން ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ނަމަވެސް އަނިޔާވެރިވި އަންހެން މީހާއާއިމެދު ބުނަންއޮތީ ކީކޭހެއްޔެވެ؟ އެނގިފައިވާ ގޮތުން މިހާރު އޭނާވެސް ވަނީ އެހާލުގައި އުޅެމުންދަނިކޮށް ނިޔާވެފައެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުންނަމަ އެއަނހެންމީހާއަށް އޭނާގެ މައިދައިތަ ބަލަހައްޓަން ލިބުނު ފުރުޞަތަކީ އެކަން ﷲ އަށްޓަކައި ރަނގަޅު ގޮތުގައި ކުރިނަމަ ސުވަރުގެ ވަނުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ. އެފުރުޞަތު އޭނާ ނަގައިލީއެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވުނީއެވެ.
އަޅުގަނޑުގެ ދުޢާއަކީ އޭނާއަށްވެސް ފާފަ ފުއްސަވައި ދެއްވެވުމެވެ.
- އިބްރާހީމް ލަޠީފް / މިއަދުނޫހުގެ ކިޔުންތެރިއެއް