ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 17ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޢިނާޔަތް ބޮޑު ކުރުމަށް ސަރުކާކުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏، ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު އޮތް 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ މައިވަންތަ އުނގުގައި ކޮންމެ ދިވެއްސަކީ ވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް ކަމާއި ޖިސްމާނީ އުނިކަމެއް ތަޙަންމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުން ވާކަމެއް ނޫންކަމަށާއި، ނުކުޅެދުންތެރި ކަމަކާހުރެ އަނެކާއާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއްކަމުގައި ސިފަކުރެއްވިއެވެ.

އަދި، މިހާތަނަށް އައި އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތްކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ދަފްތަރަކީ އެ ފަރާތްތަކަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެކަމަށާއި، މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާކަމުގައެވެ.

މީގެ އިތުރުން ވެސް ރިޔާސީ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ރާއްޖޭގައި މިންތީގެ ފަރަގު ބޮޑުތަނުން ކުޑަކުރެވިފައި ވީނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމުގައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާ، ދެވޭ ޚިދުމަތް ހަރުދަނާކޮށް ޢާއިލީ ވެށީގެ ބައްޓަން އެކުދިންނާ ކައިރި ކޮށްދިނުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއް އަލުން މުރާޖާކޮށް ހަރުދަނާ ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމުގެ ފިޔަވަޅު ތަކެއް ސަރުކާރުން އަޅަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަށް ވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ރ. އުނގޫފާރާއި، ހުޅުމާލެ އަދި ސ. ހިތަދޫ ހިމެނޭހެން 3 މަރުކަޒެއް ޤާއިމު ކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައުޟޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާ ތަކެއްޗަކީ އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރިއެއް ކަމުގައި ސިފަކުރައްވާފައެވެ. އަދި، އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތެއް ބޭނުން ކުރާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި، ކުރަން ޖެހޭކަންކަން ސަރުކާރުން ދަނީ ކުރަމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްޞީލުތައް ވަނީ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ވެސް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި ނިމިފައިވާކަމަށާއި، 60 މީހުންގެ ޖާގައިގެ މިމަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އަދި، ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީންނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް މި ފެބްރުވަރީ މަހު ފެށޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން